ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތުމަތު އާމިރާ ނޫން ހުރިހާ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ސީއެސްސީގެ ހަތަރު މެންބަރުން މަގާމުން ވަކިކުރަން ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަކިކުރަން ކޮމެޓީން ފާސްކުރީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް، ކޮމިޝަންގެ ނާއިބުރައީސް ޝަހީދު މުހައްމަދު އަދި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހީމް ޝަހީގެވެ.

މި ބޭފުޅުން ކޮމިޝަނުން ވަކިކުރުމަށް ވަކިވަކިން ވޯޓަށް އެހުމުން ކޮމިޝަނުގެ ރައީސް ޑރ.ޝަމީމް ވަކިކުރުމަށް ފާސްވީ ހަތް މެންބަރުންގެ ވޯޓުންނެވެ. ނާއިބުރައީސް ޝަހީދު ވަކިކުރުމަށް ފާސްވީ ފަސް މެންބަރުންގެ ވޯޓުންނެވެ. ދެން ތިއްބެވި ދެ މެންބަރުން ވަކިކުރުމަށް ހަތް މެންބަރުން ވޯޓު ދެއްވިއެވެ.

މި ހަތަރު މެންބަރުން ވަކިކުރުމަށް ކޮމިޓީން މީގެ ކުރިން ވެސް ނިންމިއެވެ. ނަމަވެސް އެފަހަރު އެ ނިންމުން ނިންމީ ކޮމިޓީ ބައްދަލުވުމުގައި މަދު މެންބަރުންކޮޅެއް ތިއްބަވައިގެން ކަމުގައި ވާތީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީއެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ކޮމިޓީން ނިންމިއިރު، ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ އަނެއް މެންބަރު ފާތިމަތު އާމިރާގެ މައްސަލަ ވެސް ކޮމިޓީން ބެއްޔެވެ. ނަމަވެސް ކޮމިޓީން މިއަދު ނިންމީ އާމިރާ ވަކިނުކުރުމަށެވެ.

އާމިރާ ވަކިނުކުރުމަށް ނިންމީ އޭނަ ވަކިކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހުށަހަޅައި އެގޮތަށް ފާސްވެގެންނެވެ. މިގޮތަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާމިރާ ނޫން އެހެން ހުރިހާ މެންބަރުން ވަކިކުރުމަށް ކޮމިޓީން ނިންމާފައި މިވަނީ އޭގެ ތެރެއިން ތިން މެންބަރެއްގެ ދައުރު ހަމަވާން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ކޮމިޝަނުގެ ރައީސް ޑރ.ޝަމީމާއި މެންބަރު ޒަކަރިއްޔާގެ ދައުރު އޮގަސްޓު މަހު ހަމަވާނެއެވެ. ނާއިބުރައީސް ޝަހީދުގެ ދައުރު ނޮވެމްބަރު މަހު ހަމަވާނެއެވެ. މެންބަރު ޝަހީގުގެ ދައުރު ހަމަވުމަށް އަދި ބާކީ ދެ އަހަރު އެބައޮތެވެ. ކޮމިޝަނުގެ މެންބަރު އާމިރާއަކީ އެންމެ ފަހުން އައްޔަންކުރެވުނު މެންބަރެވެ. އޭނަ އައްޔަންކުރެވުނީ މި ސަރުކާރު އައި ފަހުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.