އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ބޯޑަރުތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އަނެއްކާވެސް ގިނަ ގައުމުތަކެއްގެ ބޯޑަރު ހުޅުވާލަން ވަނީ ނިންމާފައެވެ. ރާއްޖޭގެ ބޯޑަރުވެސް އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއެކު ގިނަ އަދަދެއްގެ އެއާލައިންތަކަކުން ވަނީ ރާއްޖެ އައުމަށް ފްލައިޓްތައް ޝެޑިއުލްކުރަން ފަށާފައެވެ.

ދުބާއީގެ ބޯޑަރުވެސް އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާތީ އެމިރޭޓްސްއިންވެސް ވަނީ އެ އެއާލައިނުން އަންނަ މަހުން ފެށިގެން ދަތުރުތައް ފަށަން ނިންމާފައެވެ. މިކަމާއި ގުޅިގެން އެމިރޭޓްސްއިން ނެރުނު ބަޔަނެއްގައި އެ އެއާލައިނުން ބުނީ އެ އެއާލައިންގެ ދަތުރުތައް ޖުލައި 16 ވަނަ ދުވަހުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓަށް ކުރަމުންގެންދާނެ ކަމަށެވެ. އެމިރޭޓްސްގެ ފްލައިޓްތައް ހަފްތާއަކު ދެ ދުވަހު މާލެއަށް ބާއްވަން އެ އެއާލައިނުން ވަނީ ނިންމާފައެވެ.

އެމިރޭޓްސްގެ ދަތުރުތައް ފަށާއިރު، އެ އެއާލައިނުން ވަނީ ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން މާސްކް، އަންގި އަދި ސެނިޓައިޒާފަދަ ތަކެތި ހިމެނޭ "ހައިޖީން ކިޓެއް" ކޮންމެ ފަސިންޖަރަކަށްވެސް ފޯރުކޮށްދޭން އެ އެއާލައިނުން ވަނީ ނިންމާފައެވެ.

އެމިރޭޓްސްއިން އިތުރަށް ބުނީ އެގައުމުގެ ބޯޑަރު ހުޅުވާލުމާއެކު ޖުލައި މަހުގެ ތެރޭގައި 52 މަންޒިލަށް އެ އެއާލައިންގެ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. މި މަންޒިލްތަކުގެ ތެރޭގައި މެދު އިރުމަތީގެ ގައުމުތަކާއި، އެފްރިކާ ބައްރުގެ ގައުމުތަކާއި، ޕެސިފިކް އޭޝިއާގެ ގައުމުތަކާއި، ޔޫރަޕްގެ ގައުމުތަކާއި، އެމެރިކާ ހިމެނެއެވެ.