ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ތިން މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ޖުލައި 1 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް އާންމު ހާލަތަށް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ 3 މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި ތިން މިހުންގެ ހާލު ސީރިއަސް ކަމަށާއި، ދެމީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ކޮވިޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޓްރީ ޓޮޕް ހޮސްޕިޓަލް އާންމުންނަށް ހުޅުވާލުމަށް ވަމުންދާ ތައްޔަރީތަކުގެ ތެރެއިން އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު، މިވަގުތު 400 މީހަކަށް މިބަލީގައި ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި 36 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.