އިތުރު 16 މީހުން ކޮވިޑް-19 ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 16 މީހުން ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި އަދަދާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 1،927 މީހުންވަނީ ބަލިން ފަސޭހަވެފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވެފައިވަނީ 13 މީހުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 5 ދިވެހިންނާއި، ބަނގްލަދޭޝް 7 މީހުންނާއި އިންޑިއާ މީހެކެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑްކުރެވުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 2،337 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 397 މީހުން ކަމަށެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހަކަށެވެ.

އައިސޮލޭޝަންގައި މިވަގުތު 303 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 132 މީހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދިޔަ 3 މީހަކު މިއަދުވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 އަށް ބަދަލުކޮށްފައެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޑީއެޗް11 އަށް ބަދަލުކުރި 3 މީހުންގެ ހާލުވެސް ސީރިއަސް ކަމަށާއި، އޭގެ ތެރެއިން ދެމީހަކަށް ފަރުވާ ދެމުންގެންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށްވެސް ބުނެފައި ވެއެވެ.