• އެމެރިކާ، އިންޑިއާ، ޕާކިސްތާނުގެ ހާލަތު ދަނީ ހައްތަހާ ގޯސްވަމުން
  • ބައެއް ގައުމުތަކާއި، ގައުމުތަކުން ބައެއް އަލުން ގެންދަނީ ލޮކްޑައުންގެ ހާލަތަށް ގެންނަމުން

ކޮވިޑް-19 ބަލިމަޑުކަމަށް ނިމުމެއް އަންނަން އަދި ގާތްވެސް ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ބުނެފިއެވެ.

ޖެނީވާގައި ބޭއްވި ވާޗުއަލް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ބަލި ފެތުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތުގައި ބައެއް ގައުމުތަކުން ކުރިއެރުން ހޯދާފައިވީ ނަމަވެސް، ދުނިޔޭގައި ބަލި ފެތުރުން މަޑުނުޖެހޭ ކަމަށާއި، ބަލި ފެތުރޭ ސްޕީޑް ހައްތަހާދަނީ އިތުރުވަމުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ މިކަން އަވަހަށް ނިމުމަށް. އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ އަޅުގަނޑުމެންގެ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް. އެކަމަކު، އުނދަގޫ ހަގީގަތަކީ، މިކަން ނިމުމަކާ އަދި ގާތްވެސް ނުވާކަން. އެހެން ނަމަވެސް، ގިނަ ގައުމުތަކުންވަނީ ކުރިއެރުންތައް ހޯދާފައި. ހަމަ އެއާއެކު، މި ބަލިމަޑުކަން ފެތުރޭ ސްޕީޑް ހައްތަހާ ދަނީ ބާރުވަމުން"
ޑރ. ޓެޑްރޯސް އަދަނޮމް

ޑރ. ޓެޑްރޯސް ވިދާޅުވީ، ގައުމުތަކުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަަބަބުން ވައިރަސް ފެތުރުން މަޑުޖެހުމަކަށް ގެނެވުނު ކަމަށެވެ. އެހެން ނަމަވެސް، ބަލި ފެތުރުން ހުއްޓުވިފައި ނުވާކަމަށެވެ.

ޑރ. ޓެޑްރޯސް ވިދާޅުވީ، ކުރިއަށްއޮތް ދުވަސްތަކުގައި ގައުމުތަކަށް ކުރިމަތިވާނެ އެންމެ ނާޒުކު ސުވާލަކީ ބައްޔާއެކު އުޅުމުގެ ސުވާލު ކަމަށެވެ. އެއީ "ނިއު ނޯރމަލް" ކަމަށްވެސް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް މި މޭރުމުން ވާހަކަ ދެއްކެވިއިރު، ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި ކަމަށް މިހާތަނަށް ރެކޯޑްކުރެވުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 10 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.

ބަލިޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ ރެކޯޑްތައް ބަލަހައްޓާ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ބުނާގޮތުން، ކޮވިޑް-19 ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ ބައި މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.

މިބަލީގައި ދުނިޔެއިން މިހާތަނަށް މަރުވި މީހުންގެ ހަތަރުބައިކުޅަ އެއްބައި ނިސްބަތްވަނީ އެމެރިކާއަށެވެ.

އެމެރިކާގެ 36 ސްޓޭޓެއްގައި ބަލި ފެތުރުން އަނެއްކާވެސް އެތައްގުނައަށް އިތުރުވާން ފެށުމާ ގުޅިގެން، ލޮކްޑައުންއާއި ކާފިއުގެ ހާލަތު ގެންދަނީ އިޢްލާން ކުރަމުންނެވެ.

އެމެރިކާ ސަރުކާރުގެ ހެލްތު މިނިސްޓަރ އެލެކްސް އާޒަރުވަނީ، ބަލި ފެތުރުން ހުއްޓުވަން ހުރި ފުރުސަތުތައް ބަންދުވެ، ދޮރުތައްވެސް ބަންދުވަމުންދާ ކަމުގެ އިންޒާރު ދެއްވާފައެވެ. ބަލި ފެތުރުން ހުއްޓުވަން ހަރުކަށި ނިންމުންތަކެއް ނިންމަންޖެހޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އާންމުން މަގުމަތީގައި އުޅޭއިރު މާސްކްއަޅާން މަޖުބޫރުކުރުމަށް އަމުރެއް ނެރުއްވުމަށް އެމެރިކާގެ ނިއުޔޯކްގެ ގަވަރްނަރ އެންޑްރޫ ކޮއޯމޯ، ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވާފައި ވާއިރު، މާސްކްއަޅަން މަޖުބޫރުކުރަން ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ އިސް ބޭފުޅުންވެސް ގެންދަވަނީ ރައީސަށް ފިއްތުންތައް ކުރިމަތި ކުރައްވަމުންނެވެ.

ލޮކްޑައުންއަށް ލުއިދިނުމުން ކަޒަކްސްތާނުން ޕޮޒިޓިވްވި މީހުންގެ އަދަދު 5.000 އިން ކުއްލިއަކަށް 38،000 އަށް އިތުރުވުމާ ގުޅިގެން ދެވަނަ ލޮކްޑައުންއަކަށް ދިއުމަށް އެގައުމުގެ ރައީސް ކާސިމް-ޖޮމާރޓް ޓޮކަޔޭވްވަނީ އަމުރު ކުރައްވާފައެވެ. ދެދުވަސްތެރޭ އެކަމަށް ތައްޔާރުވުމަށް ކެބިނެޓަށްވަނީ އަންގަވާފައެވެ.

ޖަރުމަނުވިލާތުގެ ބައެއް ހިސާބުތަކުން އިތުރު އައު ކޭސްތައް ފެންނަން ފެށުމާ ގުޅިގެން ބައެއް ޑިސްޓްރިކްޓްތައް އަލުން ލޮކްޑައުންކޮށްފައި ވެއެވެ.

އިންޑިއާއިން އެއްދުވަހެއްގައި 20،000 މީހުން ޕޮޒިޓިވްވެފައިވާއިރު، މިއީ މިހާތަނަށް އެއްދުވަހެއްގައި މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.

ބަލި ފެތުރުން އިތުރުވާން ފެށުމާ ގުޅިގެން، ލޮކްޑައުންއަށް ދީފައިވާ ލުއިތައް އުވާލައި، އިންޑިއާގެ ބައެއް ސްޓޭޓްތައް އެއްކޮށް އަލުން ލޮކްޑައުންކޮށް އަދި ބައެއް ސްޓޭޓްތައް ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް ވަނީ އަލުން އަޅަން ފަށާފައެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 548،318 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާއިރު، މިއީ ހަފްތާއެއްގެ ތެރޭގައި އެއްލައްކަ ކޭސްގެ އިތުރުވުމެކެވެ.

އެމެރިކާ، ބްރެޒިލް، ރަޝިޔާ ފިޔަވައި، އިންޑިއާ މިހާރުވެފައިވަނީ ދުނިޔޭގައި ބަލީގެ ހާލަތު ހަތަރުވަނައަށް އެންމެ ގޯސް ގައުމަށެވެ.

ޕާކިސްތާނުގައިވެސް ލޮކްޑައުންގެ ހާލަތަށް ލުއިދިނުމާއެކު، ބަލީގެ ހާލަތު ގޯސްވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ގެންދަނީ ހާމަވަމުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 206،512 އަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 4،245 އަށް އަރާފައެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައިވެސް ކޮވިޑް-19 ބަލީގެ އިތުރުވާން ފެށުމާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އެބަގެންދެއެވެ.

ދެކުނު ކޮރެއާއިން މިފަހުން ފެނުނު ކްލަސްޓަރތަކުން ޕޮޒިޓިވް އިތުރުކޭސްތައް ފެންނަމުންދާތީ ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.