ފަލަސްޠީނުގެ މައްސަލައަކީ ދީނީ އަދި އަޤީދާ އާއި ގުޅިފައިވާ މައްސަލައެއްކަމަށާއި އަދި އެތަނެއްގައި މުސްލިމުންގެ ޤިބްލައެއް ކަމުގައިވާ އަލް މަސްޖިދުލް އަޤްޞާ ހުރުމުގެ ސަބަބުންވެސް އެތަން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދީނީ ވާޖިބެއްކަމުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ ވިތް ޕީސް އެގެއިންސްޓް ދި އޮކިއުޕޭޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ވިތް ޕީސް އެގެއިންސްޓް ދި އޮކިއުޕޭޝަންގެ ނަމުގައި ޖެރޫސެލަމްގައި ބޭއްވި މި ކޮންފަރެންސްގައި، ރާއްޖެއަކީ އެންމެ ކުރީއްސުރެވެސް، ފަލަސްޠީނުގެ ބިންތަކަށް ގަދަވެގައިންފައިވާ ޔަހޫދީން، މުސްލިމުންނާއި ދެކޮޅަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލާ ވާހަކަދައްކަމުންދާ ގައުމެއްކަމުގައި ވަނީ ހާމަކުރައްވާފައެވެ.

އަދި މިގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަންވެސް ވަނީ އަރުވާފައެވެ.

މިކަމަށް ބާރުދެއްވައި ، ރާއްޖޭގެ ރައީސް އިބްރާޙިމް މުޙައްދަމު ޞާލިޙް ޔޫ.އެން ގެ 74 ވަނަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ފަދައިން ފަލަސްޠީނު މިނިވަންވުމަށާއި ވަކި ދައުލަތެއްގޮތުގައި އޮތުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެގޮތެއްނެތި އަބަދުވެސް ދެމުންގެދާނެކަން މިނިސްޓަރ ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް، މެދުއިރުމަތީގެ މައްސަލަތަށް ހައްލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފާހަގަކުރައްވައި، ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތު ބަދަލުކުރެއްވުމަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ނަމުގައާއި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައިވަނީ ޝުކުރުއަދާކުރެއްވިއެވެ.

އަދި ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގޮތުގައި ލައްވައި، ފަލަސްޠީނުގެ މުސްލިމުން ތަޙައްމަލުކުރަމުން ގެންދަވާ ވޭންދެނެވިވި ދުވަސްތައް ބަދަލުކުރައްވައި އަމާންކަމާއި ފާޤަތިކަން ދެއްވައި ޔަހޫދީންގެ ނުބައި ރޭވުންތަކުން ފަލަސްޠީނުގެ އަޚުންނާއި އުޚްތުން ރައްކާތެރިކޮށްދެއްވައި ފަލަސްޠީނަށް ނަޞްރާ ކާމިޔާބު މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރެއްވިއެވެ.

މި ކޮންފަރެންސަގައި ބައިވެރިވުމަށް މިނިސްޓަރަށް ފަލަސްޠީނުގެ ފަރާތުން ދަޢުވަތުދެއްވި ފަލަސްޠީނުގެ ޕްރެސިޑަންޓް އެޑްވައިޒާ ފޯރ ރެލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަން، ސްޕްރީމް ޖަޖް އޮފް ދަ ޝަރީޢާ ކޯޓްސް، މަޙްމޫދު އަލް ޙަބާޝްއަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ކޮންފަރެންސަކީ މިހާރު ޔަހޫދީން ފަލަސްތީނުގެ ބިންތައް އިތުރަށް މިލްކުކޮށް ފަށައިގެން ކުރިއަށްދާ ދަނޑިވަޅުގައި، އެކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކަން އިތުރުކޮށް، އިސްރާ މިޢުރާޖުގެ ބިން އަދި އަލް މަސްޖިދުލް އަޤްޞާ ހިމާޔަތްކޮށް، ފަލަސްޠީނުގައި އިންސާފައި، އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ ޢިލްމުވެރިންނާއި ދާޢީންވަނީ ބައިވެރިވެ ވަޑައިގެންނެެވިއެވެ.