މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް އައްޔަންކުރައްވާފައިވާ މުހައްމަދު އަސްލަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އަސްލަމަށް ރުހުން ދިނުމުގެ އިތުރަށް މިނިސްޓްރީގެ ނަން ބަދަލުކޮށް، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ސަރުކާރުން ގެނައި ބަދަލުތައް ވެސް ފާސްކޮށްފައެވެ.

ނަން ބަދަލުކުރެވުނު މިނިސްޓްރީއަށް ކުރީގެ ޕްލޭނިން މިނިސްޓަރު އަސްލަމް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާއިރު ޖޫން މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަސްލަމް އެ މަގާމަށް އައްޔަންކުރައްވާފައެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް އަސްލަމް އައްޔަންކުރައްވާފައިވާއިރު އަސްލަމް މީގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމުގައެވެ. ނަމަވެސް ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އުވާލައްވައި ޕްލޭނިން މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ބަދަލުކުރައްވާފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން ހައުސިން މިނިސްޓްރީން ކުރަމުންއައި މަސައްކަތްތައް ޕްލޭނިން މިނިސްޓްރީއަށް ވަނީ ބަދަލުކުރައްވާފައެވެ. އަދި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ވެސް އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ހައުސިން މިނިސްޓްރީ އުވާލައްވައި އެ މިނިސްޓްރީން ކުރަމުންއައި މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައި މިވަނީ ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެކަމަނާ އިސްތިއުފާ ދެއްވީ އާލާސްކަންފުޅާ އުޅުއްވާތީއެވެ.