ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލުވުން ބޭއްވީ އިކޮނޮމިކް މިނިސްޓްރީގައެވެ. އެ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު އިސްމާއީލާއި ބަންގްލަދޭޝްގެ ހައި ކޮމިޝަނަރ މުހައްމަދު ނަޒްމުލް ހަސަން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރަށް ދެބޭފުޅުންގެ މަޝްވަރާގައި ވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތު މީހުންނާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. މިގޮތުން ގަވާއިދާ ޚިލާފަށް އުޅޭ މީހުން ގަވާއިދުގެ ތެރެއަށް ވެއްދުމާއި އަދި ގަވާއިދާ ޚިލާފަށް އުޅޭ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގައި ވެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލަފަށް އުޅޭ 5000 ބިދޭސީން ކުރިއަށް އޮތް ތިންމަސް ދުވަހުގެތެރޭ ގައުމަށް ފޮނުވާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާތަނަށް ވަނީ 2600 އަށްވުރެ ގިނަ މީހުން މިގޮތަށް ފޮނުވާލާފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބިދޭސީންތަކެއް ގައުމަށް ފޮނުވާލާފައިވާއިރު މިކަން އަދިވެސް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިގޮތުން ގަވާއިދާ ޚިލާފަށް އުޅޭ މީހުން ފޮނުވާލުމަށް އަންނަ މަހުން ފެށިގެން ހަފުތާއަކު ދެ ފްލައިޓް ހަމަޖައްސާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.