ކުޑަކުދިންގެ ބަދުއަޚްލާގީ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން އެކަން ކުށްވެރިކޮށްފިއެވެ.

އެ ޖަމްއިއްޔާއިން ވަނީ ކުޑަކުދިންތަކެއް ބަދުއަޚްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އާކުގެ ބަޔާނުގައި ވަނީ ކުޑަކުދިންގެ ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އާއްމުކުރުމަކީ އެކުދިންގެ ކަރާމާތަށް ގެއްލުން ލިބުމުގެ އިތުރަށް އޭގެ ގެއްލުން ކުދިންނާއި އާއިލާތަކަށް ދާއިމީގޮތަކަށް ލިބޭނެ ކަމެއް ކަމަށެވެ. ކުޑަކުދިންނަކީ އެކުދިންގެ ވަށައިގެންވާ މާހައުލާއި ފެންނަ މަންޒަރުތަކުން ކަންކަން ދަސްކުރާ ބަޔަކަށް ވީހިނދު، ކުޑަކުއްޖެއްގެ ފަރާތުން ނުރަގަޅު އަމަލެއް ނުވަތަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފާހަގަވެއްޖެނަމަ އެކަން ރަގަޅުކުރުމަށް އެކުދިންނާއި އެކުދިންގެ އާއިލާއާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެފަދަ ކަންކަން އިންޓަނެޓުގެ ޒަރީއާއިން އާންމުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ކުޑަކުދިންގެ ނާޖާއިޒް ފައިދާ ނަގައިގެން މިފަދަ އަމަލުތައް ބޮޑެތި މީހުން ހިންގުމަކީ އެކަށީގެންވާ ކަމަކަށް ވީއިރު، މިފަދަ ޢަމަލެއްގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފާހަގަވެއްޖެނަމަ، އެކަން ތަހުގީގުކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރަން ޖެހޭނެ ކަމަށް އާކުން ބުނެއެވެ.

20 ފެބުރުއަރީ 2020 ދުވަހު ޢަމަލުކުރަން ފަށާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު (2019/19) ގެ 33 ވަނަ މާއްދާ ބުނާގޮތުންވެސް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެކަން އާކުން ފާހަގަކުރެއެވެ. މިގޮތުން، ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް އަދި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެއެވެ.

ވަކިން ޚާއްސަކޮށް ގާނޫނުލް އުގޫބާތުގެ 622 ވަނަ މާއްދާ ބުނާގޮތުން، ހަޑިހުތުރު އެއްޗެހި ހިމެނޭ ފޮޓޯއާއި ލިޔުމާއި، މަންޒަރާއި ރެކޯޑާއި އަދި އެނޫންވެސް އެފަދަ ތަކެތި އުފެއްދުމާއި ބެހުމާއި އާއްމުކުރުމަކީ ކުށެކެވެ. އަދި އެފަދަ ތަކެތި ރައްދުވާ ފަރާތަކީ ކުޑަކުއްޖެއް ނަމަ ކުށުގެ ދަރަޖަ 1 ދަރަޖަ އިތުރުވެ، އަދަބު ބޮޑުވާނެއެވެ.
އާކުގެ ބަޔާން

އިންޓަނެޓުގެ ޒަރީއާއިން އާންމުކުރެވޭ ފޮޓޯއާއި ވީޑިއޯ ފަދަ ތަކެއްޗަކީ އޭގެ ރެކޯޑުތައް ސަރވަރތަކުގައި ދާއިމަށް ހުންނާނެ އެއްޗެއްސަށް ވާތީ، މިފަދަ ކަންކަމުން ކުޑަކުދިންނަށް ލިބިދާނެ ގެއްލުމާމެދު ހޭލުންތެރިވެ، ޒިންމާދާރު ގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް އާކުން އިލްތިމާސް ކުރެއެވެ.