ރާއްޖޭގެ އެތެރޭގެ އުދުހުމަށް ބޮޑު ބަދަލެއް ގެނެސް، އައްޑޫ ސިޓީއާއި، ކުޅުދުއްފުށި ސިޓީއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަންއިން ތައްޔާރުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު އަނެއްކާވެސް ދަތުރުތައް ފަށާއިރު، އެތެރޭގެ އުދުހުންތައް އިތުރަށް ފުޅާކުރުމަށް މޯލްޑިވިއަންއިން ގިނަ މަސައްކަތްތަކެއް ކުރާއިރު ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ގުޅާލައި، ދަތުރުތައް ފަށަން މޯލްޑިވިއަންއިން ވަނީ ނިންމާފައެވެ. މޯލްޑިވިއަންއިން ބުނީ މި މަސައްކަތަކީ މި ދެ ސަރަހައްދުގައި އިގްތިސޯދީ ހަރަކާތް ހިންގޭނެ މަގު ފަހިކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ފަށާފައިވާ މަސައްްކަތެއް ކަމަށެވެ.

މޯލްޑިވިއަންއިން ބުނީ ކުޅުދުއްފުއްޓާއި، ގަމާއި ދެމެދުގެ ދަތުރުކުރާ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ކޮޅަކަށް 1444ރ. ކަމަށެވެ. މޯލްޑިވިއަންއިން ބުނީ ކޮންެމެ ހަފްތާއަކު ދެ ދުވަހު ދަތުރުތައް ބައްވާނެ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީން އައްޑޫ ސިޓީ ގަމަށް ދަތުރުކުރާނެ ކަމަށާއި، ހޮނިހިރު ދުވަހު އައްޑޫ ސިޓީ ގަމުން ކުލުދުއްފުށި ސިޓީއަށް ދަތުރުކުރާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ. މި ދަތުރުގައި ފިއުލްއަޅަން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވިއްސަކަށް މިނެޓަށް ޓްރާންސިޓް ކުރާނެ ކަމަށާއި، ފަސިންޖަރުން ތިބޭނި ބޯޓުގައި ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މީގެއިތުރުން މާޗް މަހުގެ ތެރޭގައި ޓެސްޓު ފްލައިޓްތައް ޖައްސާފައިވާ މާވަރުލު އެއާޕޯޓަށްވެސް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ވަނީ ނިންމާފައެވެ. ކޮވިޑް-19 އާއި ގުޅިގެން ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށާއިރު، އެތެރޭގެ އެއް އެއަޕޮތުން އަނެއް އެއާޕޯޓަށް ގިނަ ދަތުރުތަކެއް ފަށާނެ ކަމަށް މޮލްޑުވިއަންއިން ވަނީ ބުނެފައެވެ. އެގޮތުން ދަރަވަންދޫއިން ހަނިމާދޫއަށް ދަތުރުކުރާނެ ކަމަށާއި، ތިމަރަފުއްޓާއި ކައްދުއާއި ދެމެދުވެސް ދަތުރުތައް ފަށާނެ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.