ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަަަަކު ރޭޕްކުރި ކަމަށްބުނާ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބަލަން ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހްގީގު ކުރަން ފަށައިފައިވާ ކަމަށެވެ.

މި މައްސަލަ މިހާރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ބަލަމުންދާކަން ސީޕީ ވަނީ ފާހަގަކުރައްވާފަ އެވެ.

ސީޕީ އިތުރަށް ވިދާޅުވެފައި ވަނީ މިމައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ބެލުމަށް އިދާރާތަކުން ކުރިއަށް ގެންދާ ތަހްގީގު ވަރަށް އަވަހަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

ކެންޔާގެ އަންހެނަކަށް ޖިންސީ އަނިޔާ ކޮށްގެން މި މައްސަލަ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެރޭ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ވަނީ މި މައްސަލައައި ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކުށުގެ މާހައުލުން އަތުލައިގެންފައެވެ. މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެމީހުން ހައްޔަރުކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތް ކަމަށްބުނެ، ދެމީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.

މި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކިއެކި ގޮތްގޮތަށް އެކި މައުލޫމާތުތައް ދައުރުވަމުންދާއިރު، މި ބިދޭސީ އަންހެން މީހާ ރޭޕްކުރުމުގައި ޝާމިލްވެފައިވަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން އޮތް ބައެއް ކަމަށް ބުނެ، އެމީހުންގެ ފޮޓޯތައްވެސް ސޯޝަލް މިޑިއާގައި ދަނީ ދައުރުކުރަމުންނެވެ.