އާސަންދައިގެ ދަށުން ގައުމުން ބޭރަށް ފަރުވާއަށް ފޮނުވަންޖެހޭ 28 މީހަކު ފަރުވާއަށް ފޮނުވައިފިއެވެ.

އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި އެކުންފުނިން ބުނީ އާސަންދައިގެ ދަށުން 37 މީހަކު ފޮނުވުމުގެ ހުއްދަ ލިބިފައިވީނަމަވެސް އެކި ސަބަބުތަކާހުރެ ފަރުވާއަށް ދެވޭގޮތްވީ 28 މީހަކަށް ކަމަށެވެ. މިކަމަށް ހާއްސަކޮށް ރޭ ބޭއްވި މޯލްޑިވިއަންގެ ފްލައިޓުން މި މީހުން އިންޑިއާއަށް ގޮސްފައިވާއިރު، އެ މީހުންނާއެކު އެހީތެރިންނާއި، ބަލިމީހުންގެ ޞީއްޙީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް 2 ޑޮކްޓަރުންނާއި 5 ނަރުހުންވެސް ފުރާފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދަ ކުންފުނިން ބުނީ މި އެންމެން އިންޑިއާއަށް ގޮސްފައިވަނީ ވިސާ ހަމަޖައްސައި، އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައި ކަމަށެވެ. މި މީހުން އިންޑިއާގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެ ކަމަށާއި، އެއަށްފަހު ޓެސްޓުކުރުމަށްފަހު އެމީހުންގެ ނަތީޖާ ނެގެޓިވްނަމަ އަނބުރާ ގައުމަށް އާދެވޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދަ ކުންފުނިން ބުނީ ފަރުވާއަށް ފޮނުވި ހުރިހާ ބަލިމީހުންގެވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރުގައި ކަމަށެވެ. ކަރަންޓީނުގައި ތިބޭނީވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށާއި، ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދައިގެ ދަށުން އިންޑިއާއަށް ފަރުވާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ލިސްޓުކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރުވެސް ކުރަމުންގެންދާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ފަރުވާއަށް ގެންދިޔަ މީހުން ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓް، އަނބުރާ ރާއްޖެ އައިސްފައިވަނީ އިންޑިއާއަށް ފަރުވާއަށް ގޮސް އަނބުރާ ނާދެވިތިބި 7 ދިވެއްސަކު ގޮވައިގެންނެވެ.