ކޮވިޑް-19 އާއި ގުޅިގެން އަޑިއަޅާލާފައިވާ ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރާއި، ދަތުރުފަތުރުކުރުމުގެ ފަސޭހަކަމުގެ ތިލަފަތް ހަމަކުރުންކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ)ގެ ކޮމިޝަން ފޮރ އިސްޓް އޭޝިއާ އެންޑް ދަ ޕެސިފިކް އަދި ކޮމިޝަން ފޮރ ސައުތް އޭޝިއާގެ 32 ވަނަ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ބައިވެރިވަޑައިގެންފައެވެ.

މި ބައްދަލުވުމުގެ ރިޔާސަތުކަންވެސް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރައްވާފައިވާއިރު، މި ބައްދަލުވުމުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީއާއި، މެލޭޝިއާގެ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ސެކްރެޓްރީ ޖެނެރަލް މުހައްމަދު ޒަމްރީ މަޓް ޒައިން ގެ އިތުރުން އެޝިއާ ބައްރުގެ 27 ގައުމަކުން ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ވާހަކަފުޅުގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އަޑިއަޅާލާފައިވާ ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރާއި، ދަތުރުފަތުރުކުރުމުގެ ފަސޭހަކަމުގެ ތިލަފަތް ހަމަކުރުންކަމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ގަބުލުކުރާ ކަމަށެވެ. އަދި އެންމެން އެކުގައި ގުޅިގެން ކުރަމުންދާ މަސައްކަތުން ލިބޭ ކުރިއެރުންތަކާއި، ކާމިޔާބީން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަދަލުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ވިސްނުމާއެކު ނިއު ނޯމަލްގައި ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއީ މި ޖުލައި މަހު ރާއްޖޭގެ ފަތުރުވެރިކަން އަނެއްކާވެސް ހުޅުވާލާއިރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ދޭން ބޭނުންވާ އުންމީދު ކަމަށެވެ.

ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޮރ އިސްޓް އޭޝިއާ އެންޑް ދަ ޕެސިފިކް އަދި ކޮމިޝަން ފޮރ ސައުތް އޭޝިއާގައި މުޅިއެކު 29 ގައުމެއް ހިމެނޭއިރު، މިއަދުގެ ބައްދަލުވުމުގައި ޖުމްލަ 27 ގައުމުން ވަނީ ބައިވެރިވެފައެވެ. އަދި މިނިސްޓަރ އަލީ ވަހީދު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ ބޯޑަރުތައް ހުލުވައި، ދަތުރުފަތުރު އަލުން ފެށުމަށް ޔޫއެންޑަބްލިއުޓީއޯގެ އިސްވެރިންނާއި، އެހެނިހެން ގައުމުތަކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާކުރައްވާފައެވެ.