ސަރުކާރު އޮފީސްތައް މާދަމާ ހުޅުވަން ނިންމާފައި އޮތް އޮތުން ބަދަލުކޮށްފިއެވެ.

ސަރުކާރުން މިހެން ނިންމަވާފައިވާއިރު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި މާދަމާ ސަރުކާރު އޮފީސްތައް ހުޅުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މި ނިންމުން ބަދަލުކުރައްވައި ރައީސުމްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ ޖުލައި 1 އަދި 2 ގައިވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ ސަރުކާރުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްކަމަށެވެ.

އަދި އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.

އެއީ މިހާރުވެސް ސަރުކާރުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ސަރުކާރުގެ އިދާރާތައް ހުޅުވަން ކަނޑައަޅާފައިވާ ވަގުތެވެ.

މި ދެ ދުވަހު އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު، އާންމުކޮށް ހުޅުވައި ނުލެއްވިނަމަވެސް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެ އިދާރާއަކުން ދެއްވުމަށް ވަނީ އަންގަވާފައެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން ޚިދުމަތެއް ދެއްވަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދެއްވުމަށް ވަނީ އަންގަވާފައެވެ.

އަދި ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ޚިދުމަތްތައް ދެއްވާނީ އެ އޮފީހަކުން ދެއްވާ ޚިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އޮފީހަކުން ހުށަހެޅުއްވުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެއްވެން ހުރި ޚިދުމަތްތައް ގޭގައި ތިއްބަވައިގެން ދެއްވުމަށާއި، އޮންލައިންކޮށް ދެއްވެން ހުރި ޚިދުމަތްތައް އޮންލައިން ދެއްމުން ގެންދިއުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.