މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާނީ މާދަމާގެ މަޣްރިބް ނަމާދުން ފެށިގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރެވޭނެ ކަމަށެވެ.

ޖަމާއަތުގައި ނަމާދުކުރެވޭނެ ގޮތަށް ހަމަޖެހިގެން ދިޔައިރު އިމާމުންނާއި ސިޓީކައުންސިލުން އަދި މިސްކިތަށްދާ މީހުން ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގާފައިވާއިރު ބަންގިއަށްފަހު 5 މިނެޓުގެ ތެރޭގައި ގަމަތްދީ ނަމާދުކުރަން ފަށަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށް އިމާމުން ވަނީ އަންގާފައެވެ.

ސީޓީކައުންސިލުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި:

- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން

- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން

- ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން

- ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ޙާލަތެއް ގައި ނޫނީ އެއާކޯން ބޭނުން ނުކުރުން

- އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން ހިމެނެއެވެ.

މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި :

-ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން

- މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން

- މާސްކު އެޅުން

- މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން

- މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން

- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން

- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން

- މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުން

- މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައިވާއިރު މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު ދެމުންދާ ލުއިތަކުގެ ދަށުން ޖަމާއަތް ހެދުމަކާނުލައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރަން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްދަ ދީފަ އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.