އިތުރު 24 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 24 މީހަކު އަލަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 11 ދިވެހިންނާއި، ބަނގްލަދޭޝްގެ 7 މީހުންނާއި، އިންޑިއާ 6 މީހުންނެވެ.

މިއަދަދާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑްކުރެވިފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 2،361 އަށް އަރާފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އަލަށް ޕޮޒިޓިވްވި ދިވެހިންނާއި، ބިދޭސީންގެ ތެޜޭގައިވެސް މިހާރު ފެނިފައިވާ ކްލަސްޓަރ ތަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށާއި، ހަމަ އެއާއެކު ވަކި ކްލަސްޓަރއަކަށް ނިސްބަތް ނުވާމީހުންވެސް ހިމެނޭ ކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލިން ފަސޭހަވެފައިވަނީ 17 މީހުން ކަމަށެވެ.

މިއާއެކު، ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބައްޔަށް ޝިފާލިބި، ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 1،944 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު ޕޮޒިޓިވް ކޭސަސްގެގޮތުގައި ތިބީ 403 މީހުން ކަމަށެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 12 މީހަކަށެވެ.

އައިސޮލޭޝަންގައި މިވަގުތު 275 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 134 މީހުންނެވެ.