އައު އާންމު ހާލަތުގައި ސްކޫލުތައް ހުޅުވާއިރު އަރަބިއްޔާ ސްކޫލުގެ ކިޔެވުން މާދަމާ ނުފެށާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީއާއި ވީމީޑިއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމް ''އައު އާންމު ޙާލަތުގައި ސްކޫލުތައް'' މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރ ފާތިމަތު ނަސީރު މިރޭ ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން މާދަމާ ނުފެށެނީ އެ ސްކޫލު އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ދޫކޮށްފައި ހުރުމުން ކަމަށެވެ.
އެހެންނަމަވެސް މިހަފްތާތެރޭ ސްކޫލު އެޑިޔުކޭޝަން މިނިސްޓްރީއާއި ހަވާލުކުރާނެ ކަމަށާއި އެެހެންކަމުން އަންނަ ހަފްތާގައި އެ ސްކޫލުގައި ކިޔެވުން ފެށޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލުގައި މި ދެދުވަހު ކިޔަވައި ނުދެވުނުކަމުގައި ވިޔަސް އެސްކޫލުގެ ކުދިންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ފާތިމަތު ނަސީރު ވިދާޅުވީ އެތަން ދޫކޮށްލާއިރު ދޫކޮށްލާނީ ރަގަޅަށް އެ އިމާރާތް ޑިސްއިންފެކްޓްކޮށްފައި ކަމަށެވެ.
އައިސޮލޭޝަން ފެސިލީއެއްގެ ގޮތުގައި އެހެން ސްކޫލުތައްވެސް ދޫކުރިކަމަށާއި އެ ސްކޫލުތައް މިނިސްޓްރީއާއި ހަވާލުކޮށްފައިވަނީ ޑިސްއިންފެކްޓްކޮށްފައި ކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ގެ ބަލިމީހުން ފެންނަން ފެށުމާއިއެކު އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައިއާއި ޖެންޑަރ މިނިސްޓްރީގެ ބޭނުމުގައިވެސް ސްކޫލުތައް ސަރުކާރުން ބޭނުންކޮށްފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލުތަކެއް ހުންނަ ސަރަހައްދަކަށް ވުމާއެކު އެ ސަރަހައްދު ތޮއްޖެހުން ކުޑަކުރުމަށް ޓްރެފިކް ޕޮލިސްއާއެކު މަޝްވަރާކޮށް، ތޮއްޖެހުން ކުޑަކުރެވޭނެ ގޮތަށް ސްކޫލުތަކަށް ދަރިވަރުންދާ ގަޑިތައް ހަމަަޖައްސާފައި ވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލެއްވެސް އައު އާންމު ހާލަތާއިއެކު ކިޔަވައިދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރުވެސް ވަނީ ސްކޫލުތަކަށް ވަޑައިގެން އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.
ސްކޫލުތައް މާދަމާ ހުޅުވާލާއިރު މާލެ ސިޓީކައުންސިލުންވަނީ މާލެ ސިޓީގެ ސްކޫލުތައް އިއްޔެ ފޮގްވެސް ކޮށްފައެވެ.