އުމުރުން 11 އަހަރުގެ ދިވެހި އަންހެން ކުއްޖެގެ ފުއްޕާމޭ ތެރޭގައޮތް ދަގަނޑު ބުރުގާޕިނެއް ކާމިޔާބު ކަމާއެކު ނަގައިފިއެވެ.

އަންހެން ކުއްޖާގެ ފުއްޕާމޭގައި ތާށިވެފައިއޮތް ބުރުގާޕިން ނެގުމަށްޓަކައި އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިންގެ ޕަލްމޮނޮލޮޖީ ޓީމުން އޮޕަރޭޝަން ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

އޮޕަރޭޝަނަށްފަހު އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އޮޕަރޭޝަން ކާމިޔާބު ކަމަށާއި، އަދި އެ ކުއްޖާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ޓްވީޓްގައި ބުނެފައިވަނީ، ބުރުގާޕިން އޮތީ އަންހެން ކުއްޖާގެ ވާތްފަރާތު ޕުއްޕާމޭތެރޭގައި ކަމަށެވެ.

ބުރުގާޕިން އެ ކުއްޖާގެ ފުއްޕާމޭގެ ތެރެއަށް ދިޔައީ ކޮން ގޮތަކަށް ކަމެއް ސާފެއް ނުވެއެވެ.

އެހެން ނަމަވެސް، މިއީ، ބުުރުގާއަޅާއިރު ބުރުގާގައި ޕިން ޖެހުމަށްޓަކައި ބައެއް ފަހަރު އަނގަޔަށް ލައިގެން އުޅުމުގެތެރޭގައި ކުއްލިއަކަށް ދިމާވާގޮތަކުން ދިރުވާލެވިގެން ހިނގާ ކަމެކެވެ.

މީގެކުރިންވެސް ރާއްޖޭގައި މިފަދަ އެތައް ހާދިސާއެއް ހިނގާފައި ވެއެވެ.

އަންގާރަ ދުވަހު ކުރެވުނު އޮޕަރޭޝަނާ ގުޅިގެން ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިންގެ ފިޒިޝަން ޑރ. މުހަންމަދު އަލީ ވިދާޅުވެފައިވަނީ، ފުއްޕާމޭގެ ތެރެއިން އެގޮތަށް ޕިން ނެގުމަކީ އުނދަގޫކަމެއް ކަމަށާއި އަދި އެކަމަކީ ފުއްޕާމޭ ހަލާކުވެދާނެ ކަހަލަ ކަމެއް ކަމަށެވެ.

"އަނެއްކާވެސް ބުރުގާޕިނެއް ފުއްޕާމޭގެތެރެއިން ނަގަންޖެހިއްޖެ. އަނެއްކާވެސް ތަކުރާރުކޮށް ހަނދާންއައުކޮށްދެން އަނގައަށް ޕިންކަހަލައެއްޗިހިނުލާ، މިމަޢުލޫމާތު މުޅިރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރާލަދީ. ނަގަންއުނދަގޫ، ފުއްޕާމޭ ހަލާކުވެދާނެކަހަލަކަމެއް" ޑރ. މުހަންމަދު އަލީ

ބުރުގާގައި ޖަހާ ޕިން ދިރުވާލެވިގެން ގިނަބަޔަކު އައިޖީއެމްއެޗަށް ދާއިރު މިއީ ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް މިކަމަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން ދޭތެރެ ދޭތެރެއިން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަސްތެރޭ އެކަނިވެސް 3 މީހަކަށް ޕިން ދިރުވާލެވިގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންކޮށް ޕިންތައް ނަގާފައި ވެއެވެ.

މި އޮޕަރޭޝަންތަކުގައި 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާޕިނެއް ނަގާފައިވާއިރު 19 އަހަރުގެ ޒުވާނެއްގެ ބަނޑުންވެސް ބުރުގާޕިނެއް ނަގާފައި ވެއެވެ. މީގެއިތުރުން ތުއްތުކުއްޖެއްގެ ޕުއްޕާމެއިންވެސް ބުރުގާޕިނެއް ވަނީ ނަގާފައެވެ.

ފާއިތުވެދިޔަ ހަތަރުވަރަކަށް އަހަރުގެ ތެރޭގައި ބުރުގާޕިން ދިރުވާލެވިގެން 15 ހާދިސާއެއް ރިޕޯޓްކޮށްފައި ވާކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި މިފަދަ އޮޕަރޭޝަންތައް މިހާރު ކުރެވޭގޮތަށް ހުރިކަމުގައިވިޔަސް މިއީ އާދައިގެ ކަމެއްގެގޮތުގައި ދުށުމަކީ ފުރާނަ ގެއްލިގެން ހިނގައިދާނެފަދަ ކަމެއް ކަމަށާއި، މިކަމަށް ސަމާލުވެ ބުރުގާޕިން އަނގަޔަށް ނުލުމަށް ޑޮކްޓަރުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.