ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން، މަޖިލީހުން ނިންމައިފި އެވެ.

ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ރިޕޯޓަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމައި، އާއްމު ކޮމިޓީން އެކުލަވައިލި ރިޕޯޓެކެވެ. ގަވައިދަށް ގެނެސްފައިވާ އިސްލާހާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ.

މި ރިޕޯޓު މަޖިލީހުން ފާސްކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ހުށަހެޅުއްވި އިސްލާހަކާއި އެކުގަ އެވެ.

ރިޕޯޓަށް ހަސަން ހުށަހެޅުއްވި އިސްލާހުގައި އޮތީ މެމްބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ އަމީން އާއްމަށް ހުށަހަޅާތާ ހަފުތާއެއްގެ ތެރޭގައި ބަޔާންތަކުގެ ކޮޕީ އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދަށް އަކުރެއް އިތުރުކުރުމަށެވެ.

މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ، މަޖިލީހުގެ މެންބަރުން އަދި އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތަށް މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ތައްޔާރުކޮށް ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަމީން އާންމަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ހުށަހަޅާ މެންބަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިޢު ކުރަންޖެހޭނެ ކަަމަށްވެސް އިސްލާހުގައިވެއެވެ.

އެހެން ނަމަވެސް ޝާއިޢު ކުރާނީ އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުގެ މަތިން ކަމަށް އިސްލާހުގައި ވަނީ ބުނެފައެެވެ.

މިގޮތުން މަޖިލީހުގެ މެންބަރުން ހުށަހަޅާ މާލީ ބަޔާންތައް އަމީން އާންމު އޮޑިޓާ ޖެނެރަލަށް ހިއްސާ ކުރަންޖެހޭނެ ކަމަށާއި، އަދި އެ މައުލޫމާތު ކަމާގުޅޭ އެހެން ފަރާތްތަކުން ބޭނުންވާނަމަ އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އިސްލާހުގައިވެއެވެ.

މެންބަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިޢު ކުރަންޖެހޭއިރު އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ޝާއިޢު ނުކުރާ ގޮތަށް ކަނޑައެޅުމުން ގިނަ ފަރާތްތަކަކުން އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.