ޖިންސީ އަނިޔާއާއި ގޯނާގެ މައްސަލަތައް ބޮޑުވެފައި ވަނިކޮށް އަނިޔާއާ ދެކޮޅަށް ޖެންޑާ މިނިސްޓްރީން ޚާއްސަ ކެމްޕޭނެއް ފެށުމަށް ނިންމައިފިއެވެ.

މިކަން އިއުލާންކުރެއްވީ ޖެންޑާ މިނިސްޓްރީއާއި ޕީޖީ އޮފީހާއި އައިޖީއެމްއެޗު ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ.

ޖެންޑާ މިނިސްޓަރު ވިދާޅުވީ އެކަމަނާ މަގާމާ ހަވާލުވެވަޑައިގަތް ހިސާބުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދީގެން މިނިސްޓްރީން މަސައްކަތް ކުރަނީ ކަންކަން ހިނގުމުގެ ކުރިން އެކަންކަމުން ރައްކާތެރިވުމަށް އަަޅަންހުރި ފިޔަވަޅުތައް އެޅުމަށް ކަމަށެވެ. އެގޮތުން ޖިސްމާނީ، ނަފުސާނީ އަދި ޖިންސީ އަނިޔާ ހުއްޓުވުމަށް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެންމެ މުހިންމު ކަމަކީ މުޅި މުޖުތަމައު ހޭލުންތެރިކުރުވުންކަން ފާހަގަކުރައްވައި ވިދާޅުވީ މުދައްރިސުންނާއި މައިންބަފައިންނާއި ކައުންސިލްތަކާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސަރުކާރުގެ އެހެން މުއައްސަސާތައް ހިމެނޭގޮތުން މުޅި މުޖުތަމައު ހޭލުންތެރިކުރުވަން ޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ކުޑަކުދިން ވެސް ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަނިޔާއާ ދެކޮޅަށް ހިންގޭ ޚާއްސަ ކެމްޕޭނެއް ރާވަމުންދާ ކަމަށާއި މިމަހުގެ 15 ގައި އެ ކެމްޕޭން ފެށޭނެ ކަމަށެވެ. މި ކެމްޕޭނަކީ ތިންމަސް ދުވަހަށް ދެމިގެންދާނެ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ދެ އަހަރު ދުވަހުގެ މަލްޓި މީޑިއާ ކެމްޕޭނެއް ހިންގުމަށް ވެސް މިހާރު ރާވަމުންދާ ކަމަށާއި އެއީ ވެސް މުޅި މުޖުތަމައު ހޭލުންތެރިކުރުވުމަށް ހިންގަން ރާވާ ޕްރޮގްރާމެއް ކަމަށެވެ. އަދި ކުޑަ ދެކުއްޖަކު ބަދު އަޚްލާގީ އަމަލު ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

މިސާލަކަށް މިހަފުތާތެރޭގައި ކުޑަދެކުންގެ ވީޑިއޯއެއް ހުރިހާ ވައިބާ ގުރޫޕްތަކުގެ ތެރޭގައި އުޅުނު. އަޅުގަނޑަށް ފޮނުވާ ކޮންމެ މީހެއް ގާތު އަޅުގަނޑު އެބަބުނަން އަޅުގަނޑުމެން ތި މައްސަލަ އެބަބަލަމޭ، ޝެއާ ނުކުރައްވާށޭ. ޝެއާ ނުކުރަން އަޅުގަނޑު މިބުނާ އެއް ކަމަކީ ގާނޫނު އެބަބުނޭ ޝެއާ ނުކުރާށޭ. އަނެއް ކަމަކީ އެ ކުޑަ ދެކުދިން ވަރަށް ކުޑަ އުމުރު. އެކުދިން ފަޟީހަތް އެވަނީ މުޅި މުޖުތަމައު ތެރޭގައި. އެކުދިން ބޮޑުވާނެ، ބޮޑުވާއިރު ވަރަށް ލަދުގަންނާނެ. އެ އަމަލު ކުރެވުނުއިރު އެކުދިންނަށް އޭގެ ބޮޑުމިން ނުވެސް އެނގިދާނެ. އެހެންވީމަ އަޅުގަނޑުމެން ބޮޑެތި މީހުން ވެސް ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި.
ޖެންޑާ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ ވައިބާ ގުރޫޕެއްގެ ތެރޭގައި ބަދުއަޚްލާގީ ކަންތައްތަކެއް ހިނގާތީ އެކަންވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. ގޯނާގެ މައްސަލަތައް ކޮންމެ ދުވަހަކުހެން މިނިސްޓްރީއަށް ހުށަހެޅޭ ކަމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ގޯނާކުރާ މައްސަލަ ވެސް ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓަރު ވިދާޅުވީ މިހުރިހާ ކަމަކަށް ބަލާއިރު ރައްކާތެރިކަމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރަންޖެހޭ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ހޭލުންތެރިކުރުވުން ކަމަށެވެ. އެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.