މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށައިފިއެވެ.
މިރޭގެ މަޣްރިބް ނަމާދުން ފެށިގެންކަމަށް މި ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވަނީ ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކާއި އެކީގައެވެ.
މިގޮތުން އިމާމުންނާއި ސިޓީކައުންސިލުން އަދި މިސްކިތަށްދާ މީހުން ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގާފައިވާއިރު ބަންގިއަށްފަހު 5 މިނެޓުގެ ތެރޭގައި ގަމަތްދީ ނަމާދުކުރަން ފަށަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އަދި ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށް އިމާމުން ވަނީ އަންގާފައެވެ.
ސީޓީކައުންސިލުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން، ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން، ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ޙާލަތެއް ގައި ނޫނީ އެއާކޯން ބޭނުން ނުކުރުން، އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން ހިމެނެއެވެ.
މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި، މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމާއި، މާސްކު އެޅުމާއި، މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން އަދި މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން ހިމެނެއެވެ.
މީގެ އިތުރުން ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމާއި ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން އަދި މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުމާއި މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން ހިމެނެއެވެ.
ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައިވާއިރު ކޮވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު ދެމުންދާ ލުއިތަކުގެ ދަށުން ޖަމާއަތް ހެދުމަކާނުލައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރަން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްދަ ދީފައެވެ.
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.