މިހާރު ކަނޑައެޅިފައި އޮތް އުސޫލުތަކާއި އެއްގޮތަށް ސްކޫލުތަކުގެ މަސައްކަތްތައް ބައްޓަން ކޮށްދެވުމަށް ނައިބު ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން އެދިވަޑައިގެންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމަށްފަހު މިއަދު އަލުން ކިޔެވުން ފެށުމާއި ގުޅިގެން އެކަމަށްޓަކައި ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަނީ ޙިއްޞާކުރައްވާފައެވެ.

އަދި އާ ޢާންމު ޙާލަތު ނުވަތަ ނިއު ނޯމަލްގައި ކިޔަވަން ފެށުމުން މިއަދުގެ ކިޔެވުން ކުރިއަށްދިޔަ ގޮތާއިބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޢުލޫމާތު ހޯއްދެވިއެވެ.

ސްކޫލުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ދުވަސްތަކުގައިވެސް ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ގެއްލިގެންދިޔަ ނުދިނުމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ޓެލިކްލާސްގެ ނަމުގައްޔާއި، އެހެނިހެން އޮންލައިން ކްލާސްތައް ހިންގުމުގައި އެބޭފުޅުންކުރެއްވި ބުރަ މަސައްކަތް ބަލައިގަންނަކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

އަދި، މިއަދު ސްކޫލް މާޙައުލަކީ ރައްކާތެރި މާޙައުލަކަށް ހެދުމަށް ބެލެނިވެރިންނާއި، މުދައްރިސުންނާއި، މިނިސްޓްރީއިން ކުރެއްވި ބުރަ މަސައްކަތް ފެނިގެން ހިނގައްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރިންސިޕަލުންނާއި، މުދައްރިސުންނަކީ މި ޤައުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވައިގެން ތިއްބެވި ބޭފުޅުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޤައުމުގައި އެންމެ އިސްކަމެއް ދޭ އެއްކަމަކީ ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުންކަމުގައި ވެސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުގެ ސްކޫލުތަކުން ވެފައިވާ ތައްޔާރީތައް ޙިއްޞާކުރައްވަމުން، ސްކޫލްތައް ހުޅުވުމުގެ ކުރިން އެޗް.ޕީ.އޭގެ އުޞޫލުތަކާ އެއްގޮތަށް އެސް.އޯ.ޕީ ތައްޔާރުކޮށް ޢަމަލުކުރަން ފަށާފައިކަމުގައި އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސްކޫލުތަކުގައި 3 ފޫޓު ދުރުމިނުގައި ފާހަގަތައް ޖަހާ، ހޭންޑް ސެނިޓައިޒް ކުރެވޭނެ އިންތިޒާމްތަކާއި، އަތް ދޮވެވޭނެ އިންތިޒާމްތައް ސްކޫލުގެ އެކި ސަރަޙައްދުގައި ޤާއިމުކޮށްފައިވާނެކަމުގައި ކަމާގުޅޭ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު ވަކިވަކި ދަރިވަރުންގެ ޙަރަކާތްތައް މޮނިޓަރ ކުރުމަށް ސްކޫލުގެ އެކި ހިސާބުތަކުގައި ބެލެނިވެރިންނާއި، ޓީޗަރުން ޙަރަކާތްތެރި ވަމުންދާނެކަމުގައި އެބޭފުޅުން ވިދާޅުވިއެވެ.

އަދި، މިއަދުގެ ކިޔެވުން ދިޔަ ގޮތާއި ބެހޭގޮތުން އެބޭފުޅުން ވަނީ، މިއަދު ގާތްގަނޑަކަށް ހަމަ ކުރިއެކޭ އެއްގޮތަށް ކުދިން ސްކޫލަށް ޙާޒިރުވެފައިކަމަށް ވިދާޅުވެފައެވެ.

އަދި، އެކަމުން ދޭހަވަނީ ވެފައިވާ ތައްޔާރީތަކަށް ބެލެނިވެރިން އިތުބާރު ކުރައްވާކަމުގައި އުފަލާއެކު އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުވުމުގައި ސްކޫލުތަކުގެ ވެރިންވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތަކާއި ޝުޢޫރުތައްވެސް ފާޅުކުރައްވާފައެވެ.

އެގޮތުން، މިއަދުގެ ކިޔެވުން މިހާ ފުރިހަމަކޮށް ދިޔައީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ސްކޫލުތަކުން ވެފައިވާ ތައްޔާރީތައް ފުރިހަމަކަމުން އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި އެހާފުރިހަމައަށް ތައްޔާރީތައް ކުރެއްވުމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށާއި، ޙާއްޞަކޮށް މިނިސްޓަރ އޮފް އެޑިއުކޭޝަންއަށާއި ތަޢުލީމީ ދާއިރާ ހިންގުމާ ހަވާލުވެތިއްބެވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރުއަދާކުރެއްވެވިއެވެ.