ކޮވިޑް-19 އާއި ގުޅިގެން ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެން އެންމެނަށް ކުރިމަތިލަންޖެހުނީ ވަރަށް ވެސް ދަތި އުނދަގޫ ވަގުތުތަކަކާއެވެ. މި ދުވަސްތަކުގެ ތެރޭގައި ކޮވިޑް-19 އާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތު ނޭޝަނަލް އެމަރޖެންސީ އޮަޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުން ގެނެސްދީފައިވާއިރު މި ވަގުތަކީ ގިނަ އާއިލާގެ އެންމެން އެއްތަންވެ ޓިވީ ކުރިމަތީގައި ތިބޭ ގަޑިއެކެވެ. ވަކިން ހާއްސަކޮށް އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒްގެ ދުލުން ކޮވިޑް-19 އާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތައް އަޑުއަހާލުމަށް ގިނަ ބަޔަކު އެވަގުތު ހުސްކުރެއެވެ.
މާޗް މަހުގެ 7 ވަނަ ދުވަހު އެންއީއޯސީގެ ތަރުޖަމާނު ކަމަށް ސަރުކާރުގެ ފަރާތުން މަބްރޫކް އަޒީޒް ހަމަޖެއްސެވުމާއެކު މަބްރުކް ވަނީ ކޮވިޑް-19 އާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ޕްރެސް ކޮންފަރެންސެއްގައި މަބްރޫކް ބައިވެރިވެވަޑައިނުގަންނަވާނަމަ އެރެއެއްގެ ޕްރެސް ފަޅުކަމަށްވެސް ދައްކައެވެ. އަދި ނޫސްވެރިންނަށްވެސް މިކަމުގައި ފަޅުކަން ދައްކައެވެ. ކުރިއަށް ދެން އޮތީ މިފަދަ ފަޅު ދުވަސްތަކަކަށްވެސް ވެދާނެއެވެ.
ޖުލައި އެއްވަނަ ދުވަހުން ފެށިގެން އެންއިއޯސީ އުވާލައި އެންއިއޯސީގެ ދަށުން ކުރަމުން ގެންދިޔަ މަސައްކަތްތައް ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިގެން ދިޔައެވެ. އެއާއެކު ރޭ އެންއީއޯސީގައި ބޭއްވުނު ޕްރެސް ކޮންފަރެންސަކީ އެ ސެންޓަރުގެ އެންމެ ފަހު ޕްރެސް ކޮންފަރެންސެވެ. މިކަން ވެގެން ދިޔައީ ގަވައިދުން މަބްރޫކް ޕްރެސް ކޮންފަރެންސްތައް ބަލާ ފަރާތްތަކަށް ވަރަށް ހިތްދަތިކަން ގެނުވި ރެޔަކަށެވެ. އަދި ކޮންމެ ރެޔަކުހެން މަބްރޫކް އާއެކު ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިވާ ނޫސްވެރިންނަށްވެސް ހިތްދަތިކަން ގެނުވި ކަމަކަށެވެ.
އެންއީއޯސީގެ އެންމެ ފަހު ޕްރެސް ކޮންފަރެންސްފައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓަރ އަމީން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި މަބްރޫކް ދައްކަވާފައިވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށެވެ. މަބްރޫކް ގެ މައުލޫމާތުތަކަކީ އެންމެ ފުރިހަމަ މައުލޫމާތުގެ ގޮތުގައި މުޅި ގައުމުވެސް ބަލައިގެންފައިވާކަމަށާއި، މަބްރޫކްގެ މައުލޫމާތުތައް ވެގެންދިޔައީ ރައްޔިތުންނާއި، ކޮވިޑާ ދެމެދު އެޅިގެންދިޔަ އެންމެ ވަރުގަދަ ބްރިޖަށް ކަމަށް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެެ. އަދި މަބްރުކާއި ނޫސްވެރިންނާ ދެމެދު އުފެދިފައިވާ ގާތް ގުޅުންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސިޔާސީ ކުލައެއް ނެތި މަބްރޫކް ކޮށްދެއްވާފައިވާ މަސައްކަތްވެސް މިނިސްޓަރ އަމީން ފާހަގަކުރައްވާފައިވެއެވެ. ކޮވިޑް-19 އާއި ގުޅޭ މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެންއީއޯސީން އެކުލަވާލާފައިވާ މުޅި ޓީމުގެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުން ބަަލައިގެންފައިވާކަން ސޯޝަލް މީޑިއާ ބަލާލުމުން އެނގިގެންދިޔައެވެ. ސަރުކާރުގެ އެންމެ މަތީ ސަފުން ފެށިގެން އެންމެ އާދައިގެ ރައްޔިތު މީހާވެސް މަބްރޫކް ކޮށްދެއްވި މަސައްކަތް ބަލައިގެންފައިވެއެވެ. ފާއިތުވި ދުވަސްތަކުގައި މަބްރޫކް ދެއްވި ނަސޭހަތްތަކާއި، ބަލިން ރައްކާތެރިވެ ތިބުމަށް ދެއްވާފައިވާ އިރުޝާދުތައް ކުރިއަށް އޮތް ތަނުގައިވެސް ހަނދާން ވާނެ ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.
މަބްރޫކާއެކު ކޮންމެ ރެޔަކުހެން ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމާއި، ކެމެރާގެ ފަހަތުގައި ހަރަކާތްތެރިވި ހުރިހާ ބޭފުޅުންވެސް ހަމަ ގައިމުވެސް އެ ކޮށްދެއްވީ ގައުމީ މަސައްކަތެެވެ. ގައުމަށްޓަކައި ކެނޑިނޭޅި މި ބޭފުޅުން މި ކޮށްދެެއްވި މަސައްކަތަކީ މިއީ ފަށްފަށުން ޝުކުރު ހައްގުވާ މަސައްކަތެއްވެސް މެއެވެ.