ރާއްޖެއިން ކޮވިޑް-19 ފެނުމާއިއެކު އާންމު ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެނުވިއެވެ. ކުރިން އެއްވެސް ޖެހިލުމެއްނެތި މަގުމަތީގައިއާއި ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ޕާކުތަކުގައި އުޅެވުނުހެން މިހާރު އެކަމެއް ނުވެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އެންގި އުސޫލުތަކަށް ތަބާވެ، އޮފީސްތަކާއި ޕާކުތަކާއި މިސްކިތްތަކާއި ހުރިހާ ވިޔަފާރިތަކެއް ބަންދުކުރީ ކޮންމެހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަންތަން ހުޅުވުމަށް ހުއްދަ ދިނުމަށްފަހުއެވެ.

އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، މާލެ ފުރަބަންދުވެސް ކުރިއެވެ. އެތައް ބައިވަރު ކަންތައްތަކަކުން މަހުރޫމްވެގެންދިޔައެވެ. އެންމެން ކަހަލަ ގޮތަކަށް ''ގޭބަންދު'' ވިއެވެ.

މި 'ގޭބަންދަށް'' ލުއި ދޭން ފެށީ ކޮވިޑްގެ ނުރައްކާ، ސިއްޙީ ފަރާތްތަކުން ލަފާކުރި ވަރަށްވުރެ ދަށްވުމާއިއެކު ވަކި ޚާއްސަ އުސޫލުތަކަކާއި އެކުގައެވެ. މިއަދު އަޅުގަނޑުމެންނަށް މަގުމައްޗަށް ނުކުމެ، އޮފީސްތަކަށް ގޮސް، ޕާކަށާއި މިސްކިތްތަކަށް ދެވުނަސް އަމަލުތައް ބަހައްޓަން މިޖެހެނީ އައު އާންމު ޙާލަތާއި އެއްގޮތަށެވެ.

ޑރ. ފާތުމަތު ނަޒްލާ ރަފީގު މިހާލަތާއި ގުޅޭ ގޮތުން މީޑިއާއާއި ހިއްސާކުރެއްވި ވާހަކަތަކުން އަޅުގަނޑުމެންގެ ބައެއް މީހުން، އަމަލުތައް ބަހައްޓާގޮތް ގޯސްކަން ހާމަވެގެން ހިނގައްޖެއެވެ.

މާލެއިން ޕޮޒިޓިވް ކޭސްއެއް ފެނުނުތާ 11 ވަނަ ހަފްތާއަކީ މިދިޔަ ހަފްތާއެވެ. މާލެއިން ވޭތުވެދިޔަ ހަފްތާގައި ޕޮޒިޓިވްވި މީހުން އޭގެ ކުރީ ދެ ހަފްތާއާއި އަޅާ ބަލާއިރު ކޮންމެވެސް ވަރަކަށް މަދުކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންނަމަވެސް މީގެ މާނައަކީ ކޮވިޑުން ސަލާމަތްވީ ނޫންކަން ފާހަގަކުރައްވާ ޑރ ނަޒްލާ ވިދާޅުވީ މި ބައްޔާއި ގުޅިގެން ކުރިން އުޅުނު ދިރުއުޅުމަށް އަނބުރާ ނުދެވޭނެކަމަށާއި އެޗްޕީއޭއިން، އާންމުން އުޅެންވީ ގޮތާއި ގުޅޭގޮތުން ވަކި ކަހަަލަ ގައިޑްލައިންތަކެއް ހަދާފައިވަނީ އެކަމަށް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ބޭރަށް ނުކުންނަ އިރު އެޗްޕީއޭއިން އަންގާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ހުރިހާ އެންމެންވެސް އަމަލުތައް ބެހެއްޓުމަށް ޑރ. ނަޒްލާ އެދިވަޑައިގެންނެވިއެވެ.

މިގައިޑްލައިންތަކުގައިވާ ކަންތައްތަކަށްބަލާއިރު މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އިޖުތިމާޢި ގައިދުރުކަމާއި، މާސްކް އަޅައިގެން އުޅުމާއި، އަތް ދޮވުމާއި، ހޭންޑް ސެނެޓައިޒަރ ބޭނުން ކުރުުމާއި ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ބޭރަށް، އޮފީހަށް، ނުވަތަ ރައްޓެހިންނާއި އެކީ ނުދިޔުމާއި އެފަދަ ކުދިންވެސް ސްކޫލުތަކަށް ނުފޮނުވުމެވެ.

ޑރ ނަޒްލާ ވިދާޅުވީ މިހާތަނަށް ފެންނަމުންދާ ބައެއް ކޭސްތަކުގައި ބަލީގެ އަލާމާތްތައް ހުންނަ އިރުވެސް އޮފިސްތަކަށްވެސް ދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްކަަށް ނާންގާ ތިބޭކަންވެސް ފާހަގަކުރެވޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް އެކަން ކަމާބެހޭ ފަރާތްތަކަށް އަންގައި، ވީހާވެސް އަވަހަށް ފްލޫ ކްލިނިކަކުން ޓެސްޓް ކުރުމަކީ ތިމާގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށް އޮތް އެންމެ މުހިންމު ފިޔަވަޅު. މިހެން ކަންތައްވާނަމަ އެތައްބަޔަކު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް.
ޑރ ނަޒްލާ

ޑރ ނަޒްލާ މިކަންތައް ފާހަގަކުރައްވާފައިވާއިރު މާލޭގެ ފުރަބަންދަށް ގެނައި ލުއިތަކާއިއެކު ގިނަބަޔަކު ވަނީ ބޭރަށް ނުކުމެ އުޅުން އިތުރުވެފައެވެ. ޚާއްސަކޮށް ރެސްޓޯރެންޓްތަކާއި ކޮފީ ޝޮޕްތަކަށް ގޮސް ތޮއްޖެހިގެން ތިބޭތަން ދަނީ ފެންނަމުންނެވެ. މިއާއިއެކު ބޭރުގައި އުޅޭ އިރު މާސްކް އަޅަން އަންގާފައި އޮތް އޮތުމަށް އަމަލު ނުކުރާކަން ފާހަގަވެއެވެ.

ހަމައެއާއިއެކު ސްކޫލުތައްވެސް ހުޅުވުމާއި ގުޅިގެން ސްކޫލުތަކަށް ދަރިވަރުން ދާތީ ބެލެެނެވެރިން ވަނީ ކަންބޮޑުވެފައެވެ.

މިކަމާ ގުޅިގެން ޑރ ނަޒްލާ ވިދާޅުވީ ބަލި ޖެހޭނީ ކުދިން ސްކޫލަށް ފޮނުވުމުން އެކަނި ނޫންކަމަށެވެ. އެކުދިން ގޭގައި ތިއްބާ،

އައު އާންމު ހާލަތުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ޚިލާފަށް ބޭރުތެރޭގައި މާސްކްވެސް ނާޅާ އުޅުމަށްފަހު ބޮޑެތި މީހުން ގެއަށް ވަނުމުން އެ ވަދެވެނީ ބަލި ހިފައިގެންކަމަށްވެސް ވެދާނެތީ އެކަމަށް ސަމާލުކަން ދިނުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

އެކުދިން ގޭގައި ތިއްބަސް ގޭގައި ތިބޭ އެހެންމީހުން ބޭރަށް ނުކުމެ، މާސްކް ނަގައިގެން އެންމެން އެކީ، އިޖުތިމާޢީ ގައިދުރުކަމެއް ނެތި ، ކޮފީބުއިންފަދަ ކަންތައް ކުރުމުގެ ސަބަބުން ބަލި ޖެހިދާނެ. އެފަދަކަންތައްތަކަށް ސަމާލުކަން ދިނުމުން ގޭތެރޭައި ތިބޭ މީހުން ސަލާމަތްވާނީ. ބޭރަށް ނުކުންނަ މީހާ ރައްކާތެރިވީމަ ބަލިން އެެހެންމީހުން ސަލާމަތްކުރެވޭނީ
ޑރ ނަޒްލާ

މިހާތަނަށް ދުނިޔެ ނުދެކޭ ފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެން އުޅެމުން ދާއިރު ދިރިއުޅުމަށް މިއައި ބަދަލުތަކާއި އެއްގޮތަށް އައު އާންމު ހާލަތަކަށް ވާސިލު ވެވޭތޯ މަސައްކަތްކުރަން ޖެހޭއިރު ސިއްޙީ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯލަނބަންޖެހެއެވެ.

މިހާތަނަށްވެސް އެފަދައިން، ގިނަ ރައްޔިތުން އަމަލުކުރުމުގެ ނަތީޖާއަކީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ގިނަ މަރުތަކެއް ނެތި، ބަލި ޖެހޭ ނިސްބަތްވެސް މި ކުޑަކުޑަ ގައުމުގައި މަދުކަމެވެ.

މިކަން މިގޮތަށް ދެމެހެއްޓޭނީ ރައްޔިތުންގެ އެއްބާލުމާއި އެކުގައެވެ.

ހެލްތް މިނިސްޓަރ އަބްދުއްﷲ އަމީން ވެސް ފާހަގަކުރެއްވީ އެކަމެވެ. ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރެވިފައިވަނީ އާންމުން އެޗްޕީއޭގެ އިރުޝާދުތަކަށް ކިޔަމަންވުމުގެ ސަބަބުންކަމެވެ. އެފަދައިން އަމަލު ނުކޮށްފިނަމަ އަޅާނެ ފިޔަވަޅުތައްވެސް ގަވާއިދުތަކުގައި ކަނޑައަޅާފައިވާއިރުވެސް އެންމެންގެ ރައްކާތެރިކަމަށްޓަކައި ރައްޔިތުންވި ގުރުބާނީއެވެ.

ލޮކްޑައުންއަށްފަހު އައު އާންމު ހާލަތަކަށް މި ދޫކޮށްލަނީ އުޅެންވާ ގޮތުގެ ގައިޑްލަންތަކާއި އެކުގައި. އެއަށް ތަބާވާނެކަމަށް ގަބޫލު މިކުރަނީ. އެއަށް އަމަލުކޮށްގެން ކުރިއަށް އޮތްތާނގައިވެސް ރައްކާތެރިކަން އޮތީ. މަނާކަމެއްކަމަށް ގޮތުގައި ކަނޑައަޅާފައި ހުންނަ ކަންތައް ކޮށްފިނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ. އެހެންނަމަވެސް މިގައުމުގައި ބަލި ފެތުރުން ކޮންޓްރޯލްކުރެވިފައި މިވަނީ ރައްޔިތުންނަށް ދިން އިރުޝާދުތަކަށް، ރައްޔިތުންގެ އަމިއްލަ އިސްނެގުމުގައި އަމަލުކުރަމުން ދިޔުމުން. އެކަމުގެ ސަބަބުން މިއަދު ރާއްޖެއިން މިފެންނަ ލުއިތައް ލިބިގެން މިދިޔައީ.
މިނިސްޓަރ އަމީން

ދުނިޔެއަށް ބަލާލާއިރު ކޮވިޑް-19 އާއި ގުޅިގެން މިބަލި ފެތުުރުން ކޮންޓްރޯލްކުރި ބައެއް ގައުމުތަައް، ރައްޔިތުންގެ އަމަލުތައް ހުރި ގޮތުން އަނެއްކާވެސް ވަނީ ފުރަބަންދުކުރަން ޖެހިފައެވެ.

އެެހެންކަމުން ތިމާއަށް ރައްކާތެރިކަން ބޭނުންވާފަދައިން އަނެކާއަށް ރައްކާތެރިކަން ދިނުމަށްޓަކައި ސިއްޙީ މާހިރުންގެ އިރުޝާދުތައް އަޑުއަހާ އެއަށް އަމަލުކުރަންޖެހެއެވެ.

ބޮޑު ގެއްލުމެއް ނުލިބި މިއަދު ރާއްްޖެ މިއޮތް ހިސާބަށް އައުމަށްޓަކައި ކުރި ހިތްވަރުކޮށްފިނަމަ އަދިވެސް މިބަލިން ރައްކާތެރިވެވޭނެކަމަށް ޑޮކްޓަރުން އެދަނީ ވިދާޅުވަމުންނެވެ.