މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުުކުރު ނަމާދު ނުކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިކަމާ ގުޅިގެން، ނެރިފައިވާ ސަރކިއުލާގައި ވަނީ މިހެން ނިންމާފައިވަނީ ހުކުރުނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްތަންވެ ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށްވާތީ އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތްކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާތީ މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުޢީ ގަވާއިދުތަކާއި ހަމަތަކަށް ރިޢާޔަތްކުރުމަށްފަހު އިލްމުވެރިންގެ ލަފާގެ މަތިންކަމަށެވެ.

މާދަމާ ހުކުރު ނަމާދުގެ ޖަމާއަތް މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރުޟު ފަސްނަމާދުގެ ޖަމާއަތް ގާއިމުކުރެވޭނެކަމަށް ވެސް އިސްލާމިކް މިނިސްޓަރ ސޮއިކުރައްވާ ނެރުއްވާފައިވާ މި ސަރކިއުލާގައިވަނީ ބުނެފަ އެވެ.

މި ދަނޑިވަޅުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ލިބިފައިވާތީ އެކަމަށްޓަކައި މާތްﷲ އަށް ޝުކުރުކޮށް، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް މި ސަރކިއުލާގައި ނަސޭހަތްތެރިވެފައިވާއިރު ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ހެޔޮއަމަލުތައް ގިނަކޮށް، ދުޢާ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ލޮކްޑައުންގެ ހާލަތަށް ދިން ލުއިތަކާއިއެކު އިއްޔެގެ މަޣުރިބު ނަމާދުންފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަނީ ޖަމާއަތުގައި ނަމާދުކުރަން ފަށާފައެވެ.

އެހެންނަމަވެސް އާންމުންނާއި ، އިމާމުންނާއި ސިޓީކައުންސިލުން އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް ވަނީ މި ހުއްދައާއި އެކީ ކަނޑައަޅާފައެވެ.