ކޮވިޑް-19 ރާއްޖެއިން އިތުރު 18 މީހަކު އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް 18 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 7 ދިވެހިންނާއި، ބަނގްލަދޭޝްގެ 11 މީހުންނެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވިފައިވާ މީހުންގެ ޖުމްލަ އަދަދުމިވަނީ 2،400 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލިން ފަސޭހަވެފައިވަނީ 15 މީހުން ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 1،969 އަށް އަރާފައެވެ. މިއީ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ 82.04 އިންސައްތައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެގޮތުގައި ތިބީ 416 މީހުން ކަމަށެވެ. މީގެ ތެރެއިން 15 މީހަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

އައިސޮލޭޝަންގައި މިވަގުތު 275 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 115 މީހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ.

އަދި ޕޮޒިޓިވް ކޭސްއެއް ވެރިރަށް މާލެއިން ފެނިފައިވަނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

އޭގެފަހުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 2،400 އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް 10 މީހުންވަނީ ނިޔާވެފައެވެ.