ޕެޓްގެގޮތުގައި ގެންގުޅޭ ޖަނަވާރުންނަށް ކޮވިޑް-19 ބަލި ޖެހުނަސް އެތަކެތީގެ ޒަރީއާއިން، އެ ގެންގުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ބުނެފިއެވެ.

ޖެނީވާފައި ބޭއްވި ވާޗުއަލް ޕްރެސް ކޮންފަރެންސްގައި ޑަބްލިޔޫއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޫމްޔާ ސްވާމިނަތަން ވިދާޅުވީ، ބުޅަލާއި، މީދަލުގެ ބާވަތްތަކާއި، މިނިކާވަގު ފަދަ ޖަނަވާރުތައްވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން، މިފަދަ ތަކެތި ޕެޓްގެގޮތުގައި ގެންގުޅޭ ފަރާތްތަކުގެ ގަޔަށް ވައިރަސް އަރާފާނެކަމުގެ ކަންބޮޑުވުންތައް މީހުންގެމެދުގައި އުފެދިފައިވާ ކަމަށް ޑރ. ސޫމްޔާ ސްވާމިނަތަން ވިދާޅުވިއެވެ.

"އެހެން ނަމަވެސް، ޕެޓްގެގޮތުގައި ގެންގުޅޭ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ބަލި ޖެހުމުގެ ރިސްކް ވަރަށް ކުޑަ"
ޑރ. ސޫމްޔާ ސްވާމިނަތަން

2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީން ފެނުނު ކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރި ކޮވިޑް-19 ބަލީގެ ވައިރަސް މުޅި ދުނިޔެއަށް ފެތުރި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 10.7 މިލިއަން މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓް ކޮށްފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 516،000 އަށްވުރެ މައްޗަށް ގޮސްފައެވެ.

އިންސާނުންގެ އިތުރުން، ޖަނަވާރުންވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ދުނިޔޭގެ އެކި ގައުމުތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެގޮތުން، ކުއްތާއާއި، ބުޅަލާއި، މިނިކާވަގާއި، ސިންގާތަކެއްގެ ކިބައިން ބަލީގެ އަލާމާތް ފެނިގެން ޓެސްޓްތައް ހެދިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ.

ކުއްތާއާއި، ބުޅަލާއި، މިނިކާވަގާއި ސިންގާތަކެއް ބައްޔަށް ޕޮޒިޓިވިކަމަށް ރިޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އެމެރިކާ، ބެލްޖިއަމް، ސްޕެއިންގެ އިތުރުން ހޮންގްކޮންގެވެ.

ނަމަވެސް، ބަލީގައި އެއްވެސް ޖަނަވާރެއް މަރުވިކަން އެއިން އެއްވެސް ގައުމަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ޖަނަވާރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓްކުރި ގައުމުތަކުގެ އިތުރުންވެސް، ދެކުނު ކޮރެއާ، ކެނެޑާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނޭގޮތުން މިހާތަނަށް ބަލީގެ އަލާމާތްތައް ހުރިކަމަށް ޝައްކު ކުރެވިގެން ބުޅާ، ކުއްތާ އަދި އަސްފަދަ 4،000 އަށްވުރެ ގިނަ ޖަނަވަރުންގެ ޓެސްޓްތައް ހަދާފައިވާއިރު، ހުރިހާ ނަތީޖާއެއްވެސް ވަނީ ނެގަޓިވް ވެފައެވެ.

އިންސާނުންނާއި، ޖަނަވާރުންގެ ސިއްހަތާބެހޭ ޖަމާއަތްތަކުނާއި އަދި ސިއްހީ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ ޖަނަވާރުންގެ ކިބައިން އެހެން ޖަނަވާރުންނަށް ކޮވިޑް-19 ބަލި ޖެހޭކަމެއް އަދި ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ބަލިޖެހޭ ކަމެއް އަދި އެއްވެސް ހޯދުމަކުން އެނގިފައި ނުވާކަމަށެވެ. މިކަމަށް އިތުރު ދިރާސާތަކާއި ހޯދުންތައް ހޯދަންޖެހޭ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

އެހެން ނަމަވެސް، ބައްޔަށް ޕޮޒިޓިވްވާ އިންސާނުގެ ކިބައިން ޖަނަވާރުންނަށް ބަލިޖެހޭކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

ކޮވިޑް-19 ބަލި ފަތުރާ ނުރައްކާތެރި ކޮރޯނާވައިރަސް އައިސްފައިވަނީ ސީދާ ކޮންތާކުންކަން އަދިވެސް ކަމާބެހޭ ފަރާތްތަކަށް ހޯދިފައި ނުވާއިރު، މި ވައިރަސްގެ އަސްލު އައިސްފައިވަނީ ވާލުގެ ކިބައިން ކަމަށް ދުނިޔޭގެ ވަރަށް ގިނަ ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

ވައިރަސްގެ ހަގީގަތް ހޯދުމަށް ސައިންސްވެރިން އަދިވެސް ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.