އުމުރުން 39 އަހަރުގެ އިންޑޮނޭޝިޔާ މީހާ ނިޔާވީ ކޮވިޑް-19 ބަލީގައި ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމީހާއަކީ ކެންސަރުބަލީގެ 4 ވަނަ ސްޓޭޖްގެ ހާލަތުގެ މީހެއް ކަމަށެވެ.

އިންޑޮނޭޝިޔާ ފިރިހެންމީހާގެ ބަލީގެ ހާލަތު ގޯސްވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:47 ގައެވެ.

އެމީހާ ނިޔާވެއްޖެ ކަމަށާއި، މިއީ ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 11 ވަނަ މީހާ ކަމަށް ބުނެ އެޗްޕީއޭއިން މިރޭ ޓްވީޓެއް ކުރިއެވެ. ނަމަވެސް 13 ވަރަކަށް މިނެޓްފަހުން ޓްވީޓްވަނީ ޑިލީޓްކޮށްލާފައެވެ.

އޭގެފަހުން ކުރި ޓްވީޓްގައި ބުނެފައިވަނީ، އެމީހާ ނިޔާވުމުގެ ސަބަބަކީ ކެންސަރު ބަލި ކަމަށާއި، އެހެންކަމުން އެއީ ކޮވިޑް-19 ބަލީގައި ނިޔާވި މީހެއް ނޫންކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. އަދި ޕޮޒިޓިވް ކޭސްއެއް ވެރިރަށް މާލެއިން ފެނިފައިވަނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

އޭގެފަހުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 2،400 އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް 10 މީހުންވަނީ ނިޔާވެފައެވެ.

މިބަލީގައި އެންމެފަހުން މީހަކު ނިޔާވެފައިވަނީ ބުދަދުވަހުގެ ރޭ 11:54 ގައެވެ. ނިޔާވެފައިވަނީ އުމުރުން 98 އަހަރުގެ ދިވެހި ފިރިހެނެކެވެ.