• ބައެއް ބިދޭސީންވެސް ބަނދަރު ސަރަހައްދަށްވަނީ ގެނެސްފައި
  • ވެހިކަލްތަކުގެ ބިއްލޫރިތައް ތަޅައި، އޮފީސް އިމާރާތުގެ އެތެރެވަނީ ސުންނާފަތިކޮށްލާފައި
  • މިއީ ސީލް މޯލްޑިވްސްގެ އިހުމާލުން ހިނގިކަމެއް: ރިޒް ކުންފުނި
  • މެއި 16 ގައި ހަޅުތާލުކުރުމުން ފުލުހުންނަށް ރިޕޯޓްކުރިން: ރިޒް ކުންފުނި

07:39 - ފުލުހުން ރަށުތެރެ ބަލައި ފާސްކުރަން ފަށަައިފި، ފުލުހުންނައެކު އެ ރަށުގައި ތިބި ނޫސްވެރިންވެސް ވަނީ ރަށުތެރެއަށް އަރާފައި، ރަށުތެރޭގެ މަންޒަރު ސިފަކޮށްދިން ނޫސްވެރިން ބުނެފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތަށް ގެނެސްފައި ހުރި ވެހިކަލްތަކުގެ ބިއްލޫރިތައް ތަޅައި، އަދި އޮފީސް އިމާރާތުގެ ތެރޭގައި ހުރި ގޮނޑިތަކައި މޭޒުތަކާއި އެނޫންވެސް ތަކެތި ތަޅައި ސުންނާފަތިކޮށްލާފައިވާ ކަމަށް.

--

07:30 - ބަނދަރު ސަރަހައްދަށް ގެނެސްފައިވާ ބިދޭސީންނަކީ ހަމަނުޖެހުމުގައި ބައިވެރިވާ ބައެއްނޫން - ފުލުހުން

--

07:26 - މިއީ ސީދާ ސީލް މޯލްޑިވްސްގެ އިހުމާލުން ހިނގިކަމެއް. މިކަން މި ހިސާބަށް ދިޔައީ އެ ކުންފުނިން އަޅާނުލުމުގެ ސަބަބުން - ރިޒް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ސައީދު

--

07:15 - ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީން ބަނދަރު ސަރަހައްދަށް ގެނެސް ބަނދަރުގައި ބައިތިއްބާފައި އެބަތިއްބެވެ.

އެ ރަށުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނަނީ، އެއީ ހަމަނުޖެހުމުގައި ބައިވެރިވާ ބިދޭސީންކަމެއް ނުވަތަ އެކަމުގައި ބައިވެރި ނުވާ މީހުންކަމެއް ސާފު ނުވާ ކަމަށެވެ.

ބިދޭސީންނާއިވެސް އަދި ދިވެހިންނާއިވެސް ނޫސްވެރިން ވާހަކަ ދެއްކުން ފުލުހުންވަނީ މަނާކޮށްފައެވެ.

--

07:00 - ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ރިޒް ކުންފުނީގެ ގާނޫނީ ވަކީލު ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބިދޭސީންނަށް މުސާރަ ނުލިބި ހަތަރުމަހާއި ބައިގެ މުއްދަތު ހިމެނޭ ކަމަށެވެ.

މުސާރައިގެ މައްސަލާގައި މެއިމަހުގެ 16 ދުވަހުވެސް މުފަދަ މުޒާހަރާއެއް ކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގަފާނެތީ އެމައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ރިޒް ކުންފުންނާއި، ރިސޯޓް ހަދާ ސީލް މޯލްޑިވްސްއާ ދެމެދު ކޮށްފައިވާ އެއްބަސްވުމުގައިވާގޮތުން މަސައްކަތްކުރާ މީހުންނަށް މުސާރަ ދިނުމަކީ ސީލް މޯޑިވްސްގެ ޒިންމާއެއް ކަމަށްވެސް ގާނޫނީ ވަކީލު އަލީ ސައީދު ވިދާޅުވެފައި ވެއެވެ.

--

ބ. ބޮޑުފިނޮޅުގައި ރަހީނުކޮށްފައިވާ ދިވެހިން ފުލުހުން އަރައި ސަލާމަތްކޮށްފިއެވެ.

މިކަން ފުލުހުންގެ މީޑިއާއިންވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުންގެ ޚާއްސަ ޓީމަކުން ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް އަރައި ސަލާމަތްކުރީ 11 ދިވެހިން ކަމަށް ކުރިން ރިޕޯޓްކޮށްފައި ވީނަމަވެސް، ފުލުހުން ފަހުން ބުނެފައިވަނީ ސަލާމަތް ކޮށްފައިވަނީ 12 މީހުން ކަމަށެވެ.

އެއްވެސް ދިވެއްސަކަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަމަށް ސަލާމަތްކުރި ބައެއް ދިވެހިން މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ.

ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތް ކުރުމުގައި އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވާކަމަށް ފުލުހުން ކަށަވަރުކޮށް ދެއެވެ.

ހަމަ އެއާއެކު، މައްސަލަ ސުލްހަވެރިކަމާއެކު މުޅީން ހައްލުކުރުމަށްޓަކައި ފުލުހުންނާއި، ބަނގްލަދޭޝްގެ ބަޔަކާ ދެމެދު ވާހަކަ ދައްކަމުން ގެންދާ ކަމަށް ވަނީ ކަށަވަރު ވެފައެވެ.

މައްސަލަ ހައްލު ކުރުމަށްޓަކައި މާލެއިން އެސްއޯ ފުލުހުންގެ ޚާއްސަ ޓީމެއް ދިޔައިރު، ރާއްޖޭގައި ހުންނަ ބަނގްލަދޭޝްގެ ހައި ކޮމިޝަންގެ އޮފިޝަލުންގެ ޓީމެއްވެސް ގޮސްފައި ވެއެވެ.

ލަފާ ކުރެވޭގޮތުގައި، ބޮޑުފިލޮޅުން ބަނގްލަދޭޝްގެ ބަޔަކާއި ފުލުހުންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި ބަނގްލަދޭޝް ހައި ކޮމިޝަންގެ އޮފިޝަލުންވެސް ބައިވެރިވެއެވެ.

ބޮޑުފިނޮޅު ބަނދަރު ސަރަހައްދުގައި ތިބި ނޫސްވެރިން ބުނަނީ، ފުލުހުންގެ ޓީމުތައް ރަށުތެރެއަށްވެސް ގޮސް އައިސްވާ ކަމަށާއި، އެއްވެސް ހަމަނުޖެހުމެއް ރަށުތެރޭގައި ހިނގާކަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުން ސަލާމަތްކުރި ހުރިހާ ދިވެހިންވެސް ބަނދަރު ސަރަހައްދުގައި އެބަތިބި ކަމަށެވެ.

ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތް ކުރެވުނުކަމް ކަމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދުވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އަދި މައްސަލަ ތަހްގީގު ކުރުމާއި ދެން ކުރާންޖެހޭ ކަންކަން ކުރިއަށްދާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވެފައި ވެއެވެ.

ރިސޯޓެއްގެގޮތުގައި ހަދަމުންދާ ބޮޑުފިނޮޅުގައި 200 ވަރަކަށް ބިދޭސީން އުޅޭކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެމީހުން އެރަށުގައި ތިބި ދިވެހިން ރަހީނުކުރުމަށްފަހު ހަޅުތާލުފެށީ މުސާރަނުދޭ މައްސަލާގައެވެ. އެމީހުންނަށް މުސާރަ ނުދޭތާ ހައެއްކަ މަސް ވެއްޖެކަމަށް ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މި މައްސަލަ ހައްލުކުރުމަށް ތުލާދޫއާއި، ބ. އަތޮޅު އެހެން ރަށްރަށުގައި ތިބި ފުލުހުން ރަށަށް އެރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން، ދިވެހިން ސަލާމަތް މިކުރީ މާލެއިން ޚާއްސަ ޓީމެއް ދިއުމަށްފަހުގައެވެ.