އެއާޕޯޓަށް މީހުން ފުރުވަން ނުވަތަ ބަލާ ދާއިރު އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމަށްފަހު ލޮކްޑައުންއަށް ލުއިދިނުމުގެ ތިންވަނަ މަރުހަލާގައި އެތެރޭގެ ވައިގެ ދަތުރުފަތުރުތައް ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މިއާއެކު އެއާލައިންތަކުން ވަނީ އެތެރޭގެ ވައިގެ ދަތުރުފަތުރުތައް ފަށާފައެވެ.

ޖުލައި 15 ވަނަ ދުވަހުން ފެށިގެން ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފެށުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އެއާޕޯޓަށް މީހުން ފުރުވަން ނުވަތަ ބަލާ ދާއިރު އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭކާރުގޮތުގައި އެއާޕޯޓަށް ނުދިއުމަށާއި، ކޮވިޑް-19 ގެ ހާލަތު އަދިވެސް ނާޒުކު ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ މިކަމަކީ އެއާޕޯޓަށް ދާ އެންމެންގެ ސަލާމަތަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުންވެސް އެމްއޭސީއެލް އިން ވަނީ އެއާޕޯޓަށް ދާ މީހުންނާއި އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއާޕޯޓުގެ އެތެރޭގައި ގައިދުރުކަން ބެހެއްޓުމާއި، އެއާޕޯޓުގެ އެތެރެ ޑިސްއިންފެކްޓް ކުރުން ހިމެނެއެވެ.