ބ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކުރި މައްސަލާގައި 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ 203 ބިދޭސީއަކަށް ފާއިތުވި ހައެއްކަ މަސް ވަންދެން މުސާރަ ނުދޭ ކަމަށްބުނެ އެމީހުން ވަނީ އެރަށުގައި މަސައްކަތް ކުރަމުންދިޔަ 13 ދިވެއްސަކު ރަހީނުކޮށް ހަޅުތާލުކޮށްފައެވެ. މި މައްސަލަ 02 ޖުލައި ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އެހާކަށް ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރަހީނުކޮށްފައި ތިބި 13 ދިވެހިން ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީއާއެކު ސަލާމަތްކުރެވިފައިވާއިރު، ފުލުހުން ވަނީ އެ ރަށުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ބެލެވޭ 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެރަށުގައި ރަހީނުކޮށްފައި ތިބި ދިވެހިން ސަލާމަތްކުރުމަށް ފުލުހުން ކުރި މަސައްކަތަށް އެރަށުގައި ތިބި ބިދޭސީން ވަނީ ހުރަސްއަޅާފައެވެ. މިއާއެކު ބުރާސްފަތި ދުވަހުގެ އިރާކޮޅު އިތުރު ފުލުހުންނާއެކު އެރަށަށް އަރަން މަސައްކަތްކުރުމުން އޮށްގަލާއި، ދަގަނޑުބުރިފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހަމަނުޖެހުމުގެ ތެރެއިން އެއް ފުލުހެއްގެ ބޯ ފަޅައިގެންދިޔަ ކަމަށާއި، ފުލުހެއްގެ އިނގިލި ބިނދި އަދިވެސް އެކި ވަރުގެ އަނިޔާ ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިއާއެކު ފުލުހުންގެ އިސް ދެ އޮފިސަރަކު ހިމެނޭގޮތަށް ޕަބްލިކް އޯޑަރ ރެސްޕޯންސް ޔުނިޓްގެ ޓީމަކާއި، ފުލުހުންގެ ތަހުގީގު ޓީމެއް ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއެކު ރޭ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް އެރަށުގައި ރަހީނުކޮށްފައި ތިބި ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންގެ ޓީމު އެރަށަށް ދިޔަފަހުން އެރަށުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީއާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ޓީމުން މިހާރު ގެންދަނީ ރަށުތެރޭގައި ހުރި ތަކެއްޗަށާއި، ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި، މައުލޫމާތު އެއްކުރަމުންނެވެ. ފުލުހުން ބުނީ މި މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓާއި، ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓް ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށެވެ.