ދައުލަތުގެ މުއައްސަސާތަކުން މީޑިއާއަށް މައުލޫމާތު ދީ، ކަންކަން ކަވަރުކުރުގެ ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން މިކަމަށް ގޮވާލީ ބ.ބޮޑުފިނޮޅުގައި ރޭ ފުލުހުން ހިންގި އޮޕަރޭޝަން ކަވަރުކުރުމަށް ވަކި ބަޔަކަށް ފުރުސަތު ދީ ދެން ތިބި މީހުންނަށް ފުރުސަތު ނުދިން މައްސަލާގައި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

މީޑިއާ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މައުލޫމާތު ލިބުމުގެ ފުރުސަތު ހުރިހާ މީޑިއާއަކަށް ވެސް ލިބޭކަން ޔަގީންކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. މީގެ އިތުރަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މައުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭތޯ އެ ކައުންސިލުން އަބަދުވެސް ދަނީ ބަލަމުން ކަމަށެވެ. އެގޮތުން، ބ.އަތޮޅު ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ.

މީގެ އިތުރަށް ވެސް ފަހަކަށް އައިސް، ގައުމުގައި ހިނގާ، މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި ފުލުހުންގެ އިދާރާއިން މީޑިއާތަކަށް އެކަށީގެންވާ މައުލޫމާތު ދިނުމުގައި ފަސްޖެހޭކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށްޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ވީހާވެސް ބޮޑަކަށް އަދި އަވަސްމިނުގައި މީޑިއާތަކަށް މައުލޫމާތު ދިނުމަށް ދިވެހިން ފުލުހުންނަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސްކުރާ ކަމަށް ވަނީ ބުނެފައެވެ.

ބޮޑުފިނޮޅު މައްސަލަ ހައްލުކުރުމަށް މާލެއިން ދިޔަ ފުލުހުންގެ ޚާއްސަ ޓީމާއެކު ދެމީޑިއާއެއް ގެންދިޔަކަން ފުލުހުން ހާމަކުރީ ފުލުހުންނާއި ނޫސްވެރިންނާއެކު ހަދާފައިވާ ސޯޝަލް މީޑިއާ ގުރޫޕްގައި އެވާހަކަ ނޫސްވެރިޔަކު ދެއްކި ފަހުންނެވެ. ގެންދިޔައީ ކޮން ބައެއްތޯއާއި ގެންދިޔައީ ކޮން އުސޫލަކުންތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރަން ފެށުމުން ފުލުހުންގެ މީޑިއާ ޓީމުން ބުނީ ބްރޯޑްކާސްޓް މީޑިއާއަކާއި ޕްރިންޓް މީޑިއާއެއް ބައިވެރިކުރީ ދަތުރުކުރި އުޅަނދުގައި ގައިދުރުކަން ހިފަހައްޓަން ޖެހޭތީ ގިނަ މީހުންނަށް ފުރުސަތު ދެވެން ނެތިގެން ކަމަށެވެ. ނަމަވެސް ދެމީޑިއާއެއް އިޚުތިޔާރު ކުރި އުސޫލެއް ފުލުހުންނަށް ބުނެދެވިފައެއް ނުވެއެވެ.