ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ބ. ބޮޑުފިނޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓުގައި ތިބި ރިޒް ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ މުސާރަ ދީފައިވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސީލް ކުންފުނީގެ ރިސޯޓެއް ތަރައްގީކުރުމުގައި މަސައްކަތްކުރާ ރިޒް ކުންފުނީގެ މުވައްޒަފުންތަކަކަށް މުސާރަ ނުދޭ ކަމަށްބުނެ އެ މުވައްޒަފުން ވަނީ އެރަށުގައި ތިބި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެހެންނަމަވެސް ސީލް ކުންފުނިން ރިޒް ކުންފުންޏަށް ދޭންޖެހޭ ފައިސާ ދީފައިވާ ކަމަށް ބުނާބުނުން ރިޒް ކުންފުނިން ވަނީ ދޮފުކޮށްފައެވެ.

ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގައި ވާގޮތުން ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ސީލް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. ކޮންމެ މުވައްޒަފަކަށް މަހަކު 7000ރ. ދޭން ޖެހޭ ކަމަށް ރިޒް އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ސީލް އިން އެމީހުންނަށް ދޭންޖެހޭ މުސާރަ ދީފައިނުވާ ކަމަށް ރިޒް އިން ވަނީ ބުނެފައެވެ.

ރިޒްއިން ބުނެފައިވާ ބުނުން ދޮގުކޮށް ސީލްއިން ބުނީ އެކުންފުންޏާ ހަވާލުކޮށްފައިވަނީ ބޮޑުފިނޮޅުގެ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށާއި ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެކުންފުނީގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ސީލް ކުންފުންޏާ ހަވާލުކޮށްފައި އޮތް މަސައްކަތަށް ދައްކަން ޖެހެނީ 12 މިލިއަން ރުފިޔާ ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމުގައިވާ އަދަދަށްވުރެ އިތުރަށް ރިޒް ކުންފުންޏަށް ފައިސާ ދައްކާފައިވަކަން ފާހަގަކޮށް ސީލްއިން ބުނީ މުޅިއެކު 21 މިލިއަން ރުފިޔާ މިހާތަނަށް ރިޒް ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ.

ސީލް މޯލްޑިވްސްއިން ބުނީ ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ސީލްއިން ރިޒްއަށް ދޭންޖެހޭ ފައިސާ ދީފައިވާނެ ކަމަށެވެ. އަދި އެރަށުގައި މަސައްކަތް ކުރަމުންދިޔަ ރިޒް ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ ލިޔެކިޔުންތައް މަދުކަންވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަންވެސް ސީލްއިން ފާހަގަކޮށްފައި ވެއެވެ.

ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެކެވެ. އެކުންފުނީގެ މުވައްޒަފުންނަށް ހައެއްކަ މަސް ވަންދެން މުސާރަ ނުދޭ ކަމަށްބުނެ އެރަށުގައި ތިބި ބިދޭސީ މުވައްޒަފުން ހިންގި ހަމަނުޖެހުން ކޮންޓްރޯލްކުރެވިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލާގައި ހަމަނުޖެހުން ހިންގި ކަމަށް ބެެލެވޭ 19 މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.