ކޮވިޑް-19 ރާއްޖެއިން އިތުރު 10 މީހަކު އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 10 މީހުން އަލަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 4 ދިވެހިންނާއި، ބަނގްލަދޭޝް 2 މީހުންނާއި، އިންޑިއާ 3 މީހުންނާއި، އިންޑޮނޭޝިޔާ ރައްޔިތެކެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވިފައިވާ މީހުންގެ ޖުމްލަ އަދަދުމިވަނީ 2،410 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލިން ފަސޭހަވެފައިވަނީ 7 މީހުން ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 1،976 އަށް އަރާފައެވެ. މިއީ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ 81.99 އިންސައްތައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެގޮތުގައި ތިބީ 419 މީހުން ކަމަށެވެ. މީގެ ތެރެއިން 12 މީހަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

އައިސޮލޭޝަންގައި މިވަގުތު 259 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 115 މީހުންނެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 2،410 އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް 10 މީހުންވަނީ ނިޔާވެފައެވެ.