ބ. ބޮޑުފިނޮޅުގައި ތަރައްގީކުރަމުންދިޔަ ރިސޯޓުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި އެ މީހުން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ.

އޭދަފުށީ ކޯޓުން ނިންމާފައިވަނީ މި މީހުންގެ ބަންދަށް 15 ދުވަސް ޖެހުމަށެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީންތަކަކަށް ފާއިތުވި ހައެއްކަ މަސް ވަންދެން މުސާރަ ނުދޭ ކަމަށްބުނެ އެމީހުން ވަނީ އެރަށުގައި ހަމަނުޖެހުން ހިންގާފައެވެ. އެވަގުތު އެރަށުގައި 200 ބިދޭސީންނާއި، 13 ދިވެހިން ތިބިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބިދޭސީން ވަނީ އެރަށުގައި ތިބި 13 ދިވެހިން ރަހީނުކޮށްފައެވެ. އެމީހުން ސަލާމަތްކުރުމަށް ފުލުހުން އެރަށަށް އަރަން މަސައްކަތްކުރުމުން ފުލުހުންނާއި، ބިދޭސީންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ.

އެހެންނަމަވެސް ފުލުހުން އެރަށަށް އަރައި ރަހީނުކޮށްފައިތިބި މީހުން ސަލާމަތްކުރަން ކުރި މަސައްކަތްވަނީ ކާމިޔާބު ވެފައިވެއެވެ. ރަހީނުކޮށްފައިތިބި ދިވެހިންނަށް އެއްވެސް ގެއްލުމެއް ދީފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ބައެއް ފުލުހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މިކަމުގައި ޝާމިލްވާ މީހުން ކަމަށް ބެލެވޭ 19 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.