ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް)ގެ ހިދުމަތްތައް ދިނުމަށް އެ ބޭންކުގެ ސާވިސް ސެންޓަރުތައް މާދަމާ ހުޅުވަން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ ޖުލައި 5 ވަނަ ދުވަހުން ޖުލައި 9 ގެ ނިޔަލަށް ބީއެމްއެލްގެ ސާވިސް ސެންޓަރުތައް ހެނދުނު 08:30 އިން މެންދުރު 02:00 ޖެހުމާއި ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނައިރު އެ ސެންޓަރުތަކުން ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން އަދި ސެލްފް ސާވިސް ބެންކުން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް އެކަނި ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މާލޭ ސިޓީގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި، ސާވިސް ސެންޓަރުތަކުން ހިދުމަތް ދިނުން ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް މެދުވެރިކޮށް ކަމަށެވެ. އަދި ބީއެމްއެލްގެ އޮންލައިން ޕްލެޓްފޯމްތަކުން ލިބެން ހުންނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރުއަޅާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބީއެމްއެލްއިން ދެމުންއައި ގިނަ ހިދުމަތްތަކެއް ވަނީ އޮންލައިންކޮށްފައެވެ. އޮންލައިންކޮށްފައިވާ ހިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި، މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމުގެ އިތުރުންވެސް އެކި ހިދުމަތްތައް ބީއެމްއެލްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމުތައް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ.