ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ހިންގާ ބޮޑެތި ހަރަކާތްތަކުގައި އެ އެސޯސިއޭޝަންއާއެކު މަސައްކަތްކުރާނެ ފަރާތެއް ހޯދަން ފަށައިފިއެވެ.

ގޭމްއިން ބުނީ ރާއްޖޭގެ އައިލެންޑް ކޮމިޔުނިޓީ ޓުއަރިޒަމް ސިނާއަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން މި ސިނާއަތުގެ ބްރޭންޑިންގ އަދި އިމޭޖިންގ މަސަކަތްތައް ކުރުމަށް، ގޭމް އާއި ގުޅިގެން މަސައްކަތްކުރާނޭ ފަންނީ، ޤާބިލް އަދި ތަޖްރިބާހުރި ފަރާތެއް ހޯދުމަށް ރިކުއެސްޓް ފޯރް ޕްރޮޕޮޒަލެއް ޢާއްމުކޮށްފައިވާނެ ކަމަށެވެ.

އެ ޖަމިއްޔާއާއި ގުޅިގެން ކުރަންޖެހޭ މައިގަނޑު މަސައްކަތުގެ ގޮތުގައި ހިމަނާފައިވާނީ އައިލެންޑް ކޮމިޔުނިޓީ ޓުއަރިޒަމް ނުވަތަ ގެސްޓްހައުސް ސިނާއަތު ބްރޭންޑިންގ ހެދުމާއި، ގެސްޓްހައުސްތައް އިޝްތިހާރުކުރުމާއި، ޕަބްލިކް ރިލޭޝަންސްގެ ހަރަކާތްތަކާއި، ގެސްޓްހައުސްތަކާއިބެހޭ މަޖައްލާ ނެރުމުގެ އިތުރުން ގެސްޓްހައުސް އަހަރީ އެކްސްޕޯ އާއި ކޮންފަރެންސް ރާވައި ހިންގުމުގެ މަސައްކަތާއި، ކޯޕަރޭޓް އެވޯޑް ނައިޓްގެ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ކަމަށެވެ.

މިއީ ގޭމްއިން މިއަހަރު ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ގޭމްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް އައިލެންޑް ކޮމިޔުނިޓީ ޓުއަރިޒަމް ތަމްސީލްކޮށްދޭ ހަމައެކަނި ޖަމްއިއްޔާއަކީ ގޭމްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ލޯކަލް ޓުއަރިޒަމް ދާއިރާއަކީވެސް ދިވެހިރާއްޖޭގެ ޓުއަރިޒަމް ސިނާއަތަށް ފާހަގަކޮށްލެވޭ ހިއްސާއެއް އަދާކުރާ ދާއިރާއެއް ކަމަށެވެ.