- ބަލި ފެތުރުމުގެ ފުރުސަތު ވަރަށްބޮޑު، ސަލާމަތްވެވޭނީ ރައްކާތެރި ފިޔަވަޅު އަޅައިގެން
ލޮކްޑައުންއަށް ތިންވަނަ ފިޔަވަހީގައި ދެވުނު ލުޔާއެކު، ރަށުތެރޭގައި އާންމުން މާސްކްއަޅައިގެން އުޅުން މަދުވަމުންދާކަން ފާހަގަ ކުރެއްވޭކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ސަރުކާރުން އެ ސެންޓަރަށް އައްޔަން ކުރެއްވި ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ، މާސްކް އަޅައިގެން އުޅުން ކޮންމެވެސް ވަރަކަށް މަދުވަމުންދާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
މާސްކް އަޅައިގެން އުޅުމަކީ އެހެން މީހުންގެ ފަރާތުން ތިމާއަށް އަދި ތިމާގެ ފަރާތުން އެހެން މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ކުޑަކުރެވޭނޭ ވަސީލަތެއް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.
އެހެންކަމުން، ސިއްހީ ފަރާތްތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކާއެކު، ބޭރު ތެރޭގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށާއި، ގައިދުރުކަން ބަހައްޓައިގެން އުޅުމަށް ތަކުރާރުކޮށް އިރުޝާދު ދެއްވާ ކަމަށް ވިދާޅުވިއެވެ.
މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭއިރު، ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކޮންމެ ތަނެއްގައި މާސްކް އަޅައިގެން އުޅުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިންވެސް ގައުމުތަކަށް ގެންދަނީ އިރުޝާދު ދެމުންނެވެ.
އެކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ގެންދަނީ، ގެއިން ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ޚާއްސަކޮށް ފިހާރަތަކާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް ތަކުރާރުކޮށް އަންގަމުންނެވެ.
ލޮކްޑައުންއަށް ތިންވަނަ ފިޔަވަހީގެ ލުއިތައް ޖުލައި އެއްވަނަ ދުވަހުން ފެށިގެން ދޭން ފަށާފައިވާއިރު، އައު އާންމު ހާލަތުގެ އުސޫޅުތަކާއެކު ސްކޫލްތައް ހުޅުވައި، މިސްކިތްތަކުގައިވެސް ޖަމާއަތުގައި ނަމާދުކުރުމަށް މިހާރުވަނީ ހުޅުވަލާފައެވެ.
ކުޅިވަރާއި ރެކްރިއޭޝަން، ޖިމް އަދި ފިޓްނަސް ސެންޓަރުތައް، ސްޕާ އަދި ސެލޫންތަކާއި، ހޮޓާ ރެސްޓޯރަންޓްތަކާއި، ވިޔަފާރިތައްވެސް ހުޅުވާލާފައި ވާއިރު، މާދަމާއިން ފެށިގެން ސަރުކާރުގެ އޮފީސްތައްވެސް ހުޅުވާލާނެއެވެ.
އަދި ރާއްޖޭގެ ރިޒޯޓްތަކާއި، ބައިނަލްއަގްވާމީ އެއަރޕޯޓްތައްވެސް ޖުލައި 15 ގައި ހުޅުވާލަން ގެންދަނީ ތައްޔާރުވަމުންނެވެ.
ފުރަބަންދުގެ ޙާލަތަށް ދެވުނު ލުއިތަކާއިއެކު ކުރިޔަށް ދިޔުމާއި، އައު ޢާންމު ޙާލަތުގައި ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރުމަށް އެޗްޕީއޭއިން އަންގާފައިވާ މުހިންމު ނުކުތާތައް؛
* ގްރޭޓަރ މާލެ ސަރަޙައްދުގައި ޢާންމުކޮށް މަގުތަކުގައި އުޅުމަށް ކަނޑައެޅިފައިވާ ގަޑިއަކީ، ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެވެސް ފަތިހު 5:00 އިން ރޭގަނޑުގެ 11:00 އާ ދެމެދު
* ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 30 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް
* ބޭރަށް ނުކުމެވޭ ގަޑިތަކުގައި ކުރިޔާ ޚިލާފަށް ވަކި ބަޔަކަށް ވަކި ގަޑިއެއް ޚާއްޞަކުރެވިގެނެއް ނުވޭ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރުގައި ނޫޅުން
* ބޭރަށް ނުކުންނަނަމަ، އެކަކު އަނެކަކާއި ދެމެދުގައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުން
* ރަނގަޅަށް ވައި ދައުރު ނުވާގޮތަށް ހުންނަ ބަންދު ތަންތަނާއި، ޚިދުމަތްދޭ އައުޓްލެޓްތަކުގައާއި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކް އެޅުން
* ގިނަގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުން
* ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
* ބަލިވެ އުޅޭނަމަ ބޭރަށް ނުގޮސް ގޭގައި މަޑުކުރުން
* ހުންއައިސް، ކެއްސާ، ބޮލުގައި ރިއްސާ، ނޭވާލާން އުނދަގޫވުން ފަދަ އެއްވެސް ޢަލާމާތެއް ފެންނަނަމަ ލަސްނުކޮށް ފްލޫ ކްލިނިކަކަށް ދިއުން