ކޮވިޑް-19 ބައްޔާ ދެކޮޅަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރަން ސަރުކާރުން ގާއިމްކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އުވާލުމަށްފަހު ގާއިމްކުރި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ޑރ. ފާތިމަތު ނަޒްލާ ރަފީގު އައްޔަން ކުރައްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުން މިރޭ ކުރި ޓްވީޓެއްގައެވެ.

ޑރ. ފާތިމަތު ނަޒްލާ ރަފީގަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީންގެ ސީނިއަރ މެޑިކަލް އޮފިސަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

"ހެލްތު އިމަނެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުގެ މަގާމަށް އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ޑރ. ފާތިމަތު ނަޒްލާ ރަފީގު އައްޔަންކޮށްފި"
މިނިސްޓްރީ އޮފް ހެލްތު

ހެލްތު މިނިސްޓްރީން މިކަން ހާމަކުރިއިރު، ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދަވާފައިވަނީވެސް ޑރ. ނަޒްލާއެވެ.

ޑރ. ފާތިމަތު ނަޒްލާ ރަފީގަކީ، ކޮވިޑް-19 ބަލި ރާއްޖެއިން ފެނުމުގެކުރިންވެސް، ބަލީގެ ހާލަތުގައި ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާއި، އެކަމުގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގައި މީޑިއާއަށް އައު މޫނެއް ނޫނެވެ. މީޑިއާގެ ވަސީލަތްތަކުން ވަރަށް ގިނައިން ފެންނަ، ގިނަ ބައެއްގެ ލޯތްބާއި މަގްބޫލްކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުގެ މަގާމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގު، ހެލްތު މިނިސްޓްރީން އައްޔަން ކުރިއިރު، މާޗް 7 ވަނަދުވަހުން ފެށިގެން މި ޖުލައިމަސް ފެށުމާ ހަމައަށް، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ އަންޑަރ ސެކްރެޓަރީ މުހަންމަދު މަބްރޫކް އަޒީޒެވެ. އެއީ، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

ބަލީގެ ކުރީކޮޅު ރެއާއި ދުވާލު އަދި ފަހުން ރޭގަނޑުގެ ވަގުތުތަކުގައި ކޮވިޑް-19 ބަލީގެ ރާއްޖޭގެ ހާލަތު ބެލުމަށް ނުވަތަ ދެނެގަތުމަށް ރާއްޖޭގެ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދިން މައިގަނޑު އެއް ސަބަބު ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ މަބްރޫކް އަޒީޒެވެ. އޭނާ ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދެވި ސްޓައިލެވެ. މޫނުމަތީގެ ޖަވާބުތައް ފުރިހަމަވެފައި، ތެދު މައުލޫމާތު ހާމަކުރައްވަމުން ގެންދެވުމެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ބަލީގެ އެންމެފަހުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުން މެދު ނުކެނޑޭ ކަމަށާއި، ޕްރެސް ކޮންފަރެންސް މެދުވެރިކޮށް އެ މައުލޫމާތު ބަރާބަރަށް ހިއްސާކުރަމުން ގެންދެވޭނޭ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ޓްވީޓް ރީޓްވީޓް ކުރައްވައި ޑރ. ނަޒްލާ ފަހުން ވިދާޅުވެފައިވަނީ، އެޗްއީއޯސީގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި، ހަމަ އެއާއެކު އެއީ ވަރަށްވެސް ބޮޑު ޒިންމާއެއް ކަމަށެވެ.