ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއާއި، މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމުގެ މަސައްކަތަށް ސައޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 50 މިލިއަން ޑޮލަރުގެ އެހީ ދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ދެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފޮނިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެއްބަސްވުންތަކާއެކު ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

އަދި ސައޫދީން މި އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ދިމާވި ހީނަރުކަމާއެކު، ބޭރުގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި މިއެހީއާއެކު މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސައޫދީ އަރަބިއްޔާއަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫޢުތަކަށް އެހީވާ ގައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހި މިސާލެއްގެ ގޮތުގައި މިނިސްޓަރ ނެންގެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްގީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިންގ ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިންގާ މަޝްރޫޢުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެ ކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.