ސްރީ ލަންކާގައި ތިބި އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހަފްތާގެ ބުދަ ދުވަހު ފްލައިޓެއް ބާއްވަން ގައުމީ އެއަލައިން މޯލްޑިވިއަން އިން ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ނާދެވި އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް އެކި ފަހަރު މަތިން މޯލްޑިވިއަންއިން ވަނީ ކޮށްފައެވެ. މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ މައި ބޯޑަރު ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާއިރު، ބޯޑަރު ހުޅުވާލުމުގެ ކުރިން ރާއްޖެއަށް ނާދެވި ލަންކަގައި ތާށިވެފައި ތިބި މީހުން ގެނައުމަށް އަނެއްކާވެސް ފްލައިޓެއް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ.

މޯލްޑިވިއަންއިން ބުނީ މިމަހުގެ 8 ވަނަ ދުވަހު ކޮލަމްބޯއަށް ދަތުރުކުރާ ފްލައިޓަކީ 200 މީހުންގެ ޖާގައިގެ ފްލައިޓެއް ކަމަށެވެ. މި ދަތުރާ ގުޅުންހުރި އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެ އެއާލައިންގެ ހޮޓްލައިން 3335544 އަށް ގުޅައިގެން ނުވަތަ ވައިބަރ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކި ކަންކަމުގައި ގައުމުތަކަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ގިނަ ބަޔަކު ގެނައުމަށް އެކި ފަހަރުމަތިން މޯލްޑިވިއަންގެ ފްލައިޓްތައް ވަނީ ބައްވާފައެވެ. މި ދަތުރުތަކުގައި އަނބުރާ ރާއްޖެ އައިސްފައިވާ މީހުންގެ ތެރޭގައި ބޭސް ފަރުވާއަށް ގޮސް ތިބި މީހުންނާއި، ކިޔެވުމުގެ ކަންކަމުގައި ދިރިއުޅެމުންދިޔަ މީހުންނާއި، ދިރިއުޅުން ބަދަލުކޮށްގެން އުޅުނު ގިނަ ބަޔަކު ހިމެނެއެވެ.