ފަތުރުވެރިކަމުގެ ދާއިރާގައި މެދުފަންތިއާއި މަތީ ފަންތީގެ މަގާމުތަކުގައި ދިވެހިން މަސައްކަތްކުރާ އިންސައްތަ އިތުރުވާނީ އެ ދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗް.އާރް. ޕްރޮފެޝަނަލްސް (މާރޕް) އިން ގެނެސްދޭ "އެޗް.އާރް. ޕަރސްޕެކްޓިވް ޝެއަރ" ޕްރޮގްރާމްގެ ހާއްސަ ސެގްމެންޓެއްގައި ބައިވެރިވެވަޑައިގެން، ފަތުރުވެރިކަމުގެ ދާއިރާއާއި ބެހޭގޮތުން އެ މަނިކުފާނު ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ހިއްސާ ކުރައްވަމުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ނާއިބުރައީސް ފައިސަލް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެމަނިކުފާނު ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި އިރުގެ ބައެއް ތަޖުރިބާތަކާއެކު މިއަދުގެ ޒުވާނުންނަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ދިވެހިންނަށް ހާއްސަ މެސެޖުތަކެއް ދެއްވާފައެވެ.

އަދި، ބައެއް އެހެން ގައުމުތަކުން މިސާލު ނަންގަވައި ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާގައި އިންވެސްޓް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ، އިގްތިސޯދު ބިނާކުރުމުގައިވެސް ކެތްތެރިކަމާއެކު ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށް، ރަނގަޅު ޖީލެއް އުފެއްދުމަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން ނާއިބުރައީސް ވަނީ، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިރާގައި މެދުފަންތިއާއި މަތީ ފަންތީގެ ބޮޑު އިންސަތައަކީ ދިވެހިން ފުރާ މަގާމުތަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، އެކަން އެގޮތަށް ކުރުމުގައި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކޮށް މަދުރަސީ ތަޢުލީމުގެ ހަރުފަތްތައް ނިންމާ ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުން ފަދަ ކަންކަމަށް އިސްކަންދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ތަޖުރިބާތަކަށް އަލިއަޅުވައިލައްވާ ޒުވާނުންނަށް އަމާޒުކޮށް ވިދާޅުވީ ކޮންމެ މަސައްކަތެއް ކުރިކަމުގައި ވީ ނަމަވެސް، ބަލަންވީ އެކަމަކަށް ރަނގަޅަށް ސަމާލުކަންދީގެން ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން މަސައްކަތްކުރުމަށް ކަމަށެވެ. އަދި، އަވަހަށް ނިދައި އަވަހަށް ހޭލުން ފަދަ އާދަތައް އަށަގެންނެވުމަށާއި ވަކި މަސައްކަތެއް ނޫނީ ނުކުރަން ހުރުމުގެ ބަދަލުގައި ކޮންމެ މަސައްކަތެއް ކުރަންޖެހުނު ނަމަވެސް ހީވާގިކަމާއި މުރާލިކަމާއެކު އެ މަސައްކަތެއް ކުރުމުގެ މުހިންމުކަން ނާއިބުރައީސް ފައިސަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.