ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވަ ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ދައުރު ހަމަވަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އައިމިނަތު އީނާސް އާއި މެމްބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އަފްރީން މުހައްމަދުގެއެވެ. މި ބޭފުޅުން ފިޔަވައި ދެން އެޗްއާރްސީއެމްގައި ހުންނަވާ އެ ކޮމިޝަނުގެ ނާއިބުރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރެވެ.

އެޗްއާރްސީއެމްގެ އެންމެ ގޮނޑިއެއް ފިޔަވައި ދެން ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރުން ޒިންމާ އަދާނުކުރައްވާކަމުގެ ތުހުމަތުކޮށް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ނިންމާފައި ވަނިކޮށެވެ.