ކުރިން ހީކުރެވިފައިވާ ވަރަށްވުރެންވެސް ބޮޑަށް، ކޮވިޑް-19 ބަލި ޖައްސާ ނުރައްކާތެރި ވައިރަސް ވައިގެ ޒަރީއާއިން ފެތުރޭކަމަށް ސައިންވެސްވެރިންތަކެއް އާންމުކޮށްފައިވާ ރިޕޯޓްގައި ހާމަކޮށްފައިވާ ކަންބޮޑުވުންތައް އިތުރަށް މުތާލިއާ ކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ހާމަކޮށްފިއެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ޑަބްލިޔޫއެޗްއޯއިން ކަނޑައަޅާފައިވަނީ، ކޮވިޑް-19 ބަލި މީހުންނަށް ޖެހެނީ، ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހިއަޅައި، ވާހަކަ ދައްކާއިރު ނުވަތަ ހުނުމުގެތެރެއިން ބުރައިގެންދާ ކުޅުތިކިތައް ނޭފަތް ނުވަތަ އަނގައިގެ ޒަރީއާއިން އަނެއްމީހާގެ ހަށިގަނޑުތެރެއަށް ގޮސްގެން ކަމަށެވެ. ނުވަތަ އެ ވައިރަސް ހުންނަ ތަންތަނުގައި އަތްލެވިގެން ކަމަށެވެ.

މިކަމާ ގުޅޭ ގައިޑްލައިނަށް ޑަބްލިޔޫއެޗްއޯއިން އެންމެފަހުން އިސްލާހް ގެނެސްފައިވަނީ ޖޫންމަހުގެ 29 ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް، ސައިންސްވެރިންތަކެއް ވަނީ، ވައިގެތެރެއަށް ބުރައިގެންދާ ކުޅުތިކިތަކަށް ވުރެންވެސް ކުދި އެތިކޮޅުތަކުގެ ސަބަބުން ކޮވިޑް-19 ބަލިޖެހޭ ކަމަށް ބުނެފައެވެ.

ޑަބްލިޔޫއެޗްއޯއަށް އަމާޒުކޮށް ނެރުނު ހުޅުވާލެވިފައިވާ ސިޓީއެއްގައި، ދުނިޔޭގެ 32 ގައުމަކަށް ނިސްބަތްވާ 239 ސައިންސްވެރިން ވަނީ، ކުޅުތިކި ތަކަށް ވުރެންވެސް ކުދި އެތިކޮޅުތަކުގެ ސަބަބުން ބަލިޖެހޭކަމުގެ ހެކި އެމީހުންގެ ހޯދުންތަކުން ފެނިފައިވާކަން ހާމަކޮށްފައެވެ.

ބަލިޖެހިފައިވާ މީހުން ކެއްސައި، ކިނބިހިއަޅައި، ވާހަކަ ދައްކާއިރު ނުވަތަ ހޭއިރު ވައިގެ ތެރެއަށް ބުރައިގެންދާ ކުޅުތަކަށްވުރެންވެސް ގިނައިރު، އެއަށްވުރެ ކުދި އެތިކޮޅުތައް ވައިގެތެރޭގައި އުޅޭކަމަށް ސައިންސްވެރިންވަނީ ބުނެފައެވެ. އަދި އެތައް ކުރިން ހީކުރެވިފައިވާ ވަރަށްވުރެން ދުރަށް އެ އެތިކޮޅުތައް ދަތުރުކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން، ޑަބްލިޔޫއެޗްއޯއިން މިހާރު ކަނޑައަޅާފައިވާ ގައިޑްލައިން އަލުން އިސްލާހްކުރުމަށް 239 ސައިންސްވެރިންވަނީ އިލްތިމާސްކޮށްފައެވެ.

"އެ ސިޓީގެ ވާހަކަ އަޅުގަނޑުމެންނަށް އެނގިފައިވަނީ. އަޅުގަނޑުމެންގެ ޓެކްނިކަލް އެކްސްޕާޓުން މިހާރު ގެންދަވަނީ އޭގައި ހިމެނޭ ވާހަކަތައް މުތާލިއާކުރަމުން"
ޑަބްލިޔޫއެޗްއޯގެ ތަރުޖަމާނު ތާރިކް ޖަސަރެވިޗް

ކޮވިޑް-19 ބަލި ޖައްސާ ވައިރަސް ވައިގެތެރެއިން ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑަބްލިޔޫއެޗްއޯއިން ކުރިންވެސް އެކި ފަހަރުމަތިން ގެންދިޔައީ ބުނަމުންނެވެ.

"ނަމަވެސް، ކުރިން އަޅުގަނޑުމެން އެ ވާހަކަ ދައްކަމުން ގެންދިޔައީ ހަރުދަނާ އަދި ސާފު ހެކިތަކެއް ހުރެގެން އޭގެ މައްޗަށް ބިނާކޮށެއްނޫން"
ޑަބްލިޔޫއެޗްއޯ ޓެކްނިކަލް ލީޑް ބެނެޑެޓާ އެލަގްރާންޒީ

ވައިގެތެރެއިން ކޮވިޑް-19 ބަލި ޖައްސާ ވައިރަސް ފެތުރޭ ގޮތްތަކާމެދު ދުނިޔޭގައި ޚިޔާލު ތަފާތުވުންތައް އުފެދިފައި ވެއެވެ. ކުޅުތިކިތައް ވައިގެ ތެރޭގައި ދަތުރުކުރާ ދުރުމިނާމެދުވެސް ޚިޔާލު ތަފާތުވުންތައް އުފެދިފައި ވެއެވެ.

ޓެކްނިކަލް އެކްސްޕާޓް ޓީމުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ޑަބްލިޔޫއެޗްއޯއިން ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށް ކަނޑައަޅާފައިވަނީ ދެމީހުންގެ ތޭރެގައި 1 މީޓަރު (3 ފޫޓު) އެވެ.

ނަމަވެސް، މިހާރު އާންމުވެފައިވާ ސިޓީއާ ގުޅިގެން އިތުރު ބެލުންތައް ބެލުމަށްފަހު ޑަބްލިޔޫއެޗްއޯއިން ގައިޑްލައިނަސް ބަދަލުތަކެއް ގެނެސްފިނަމަ ގައިދުރުކަން ބެހެއްޓުމަށް ކަނޑައަޅާފައިވާ މިންވަރަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެއެވެ.

ބައެއް ސައިންސްވެރިން ކުރިންވެސް ބުނަމުންދިޔައީ އެންމެ ރައްކާތެރި ގޮތަކީ ކޮންމެ ދެމީހެއްގެ ދެމެދުގައި 3 މީޓަރު (6 ފޫޓު) ބެހެއްޓުމެވެ.

ޑަބްލިޔޫއެޗްއޯގެ ގައިޑްލައިނަށް ބަދަލު ގެނެސްފިނަމަ، އެ ޖަމްޢިއްޔާގެ އުސޫލުތަކަށް ބިނާކޮށް ސިއްހީ ރައްކާތެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމާއި، ފިޔަވަޅުތައް އެޅުމަށް ސަމާލުކަންދޭ ގައުމުތަކަށްވެސް އުސޫލުތަކަށް ބަދަލުތައް ގެންނަން ޖެހޭނެއެވެ.