ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްވާ ހުރިހާ ޕޭޝަންޓުންވެސް ކޮވިޑް-19އަށް ޓެސްޓުކުރަން ފަށައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ މިމަހުގެ 1 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލް އާންމުންނަށް ހުޅުވާލާފައިވާއިރު، ހޮސްޕިޓަލަށް އަންނަ ފަރާތްތަކާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓުވާ ހުރިހާ ޕޭޝަންޓުންވެސް ކޮވިޑް-19އަށް ޓެސްޓުކުރުމަށްފަހު އެޑްމިޓްކުރަން ފަށާފައިވާކަމަށް ޓްރީޓޮޕުން ވަނީ ބުނެފައެވެ.
މިކަން ހާމަކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓުކުރާ ކޮންމެ ބަލިމީހަކުވެސް އެޑްމިޓުކުރުމުގެ ކުރިން ޕޮލިމަރައިޒް ޗެއިން ރިއެކްޝަން (ޕީސީއާރް) ޓެސްޓު ހަދާނެ ކަމަށެވެ. އަދި ހޮސްޕިޓަލަށް ދާ އެންމެންގެ ރައްކާތެރިކަމަށްޓަކައި، މުވައްޒަފުންގެ ސީރޮލުޖީ ނުވަތަ ސީރަމް ޓެސްޓު ހަދަމުންދާނެ ކަމަށް ޓްރީޓޮޕުން ވަނީ ބުނެފައެވެ.
މިފިޔަވަޅުތަކުގެ އިތުރުންވެސް ރައްކާތެރިކަމުގެގޮތުން އެތައް ފިޔަވަޅެއް ޓްރީޓޮޕް ހޮސްޕިޓަލުން ގެންދަނީ އަޅަމުންނެވެ. އެގޮތުން ހޮސްޕިޓަލަށް ވަނުމުގެ ކުރިން ސްކްރީން ކުރެވި، ޓެންޕަރޭޗަރ ބަލައި، ޓްރެވަލް ހިސްޓްރީއެއް އޮތްތޯ ބަލައި، މައުލޫމާތު ސާފުކުރަމުންގެންދާ ކަމަށް ޓްރީޓޮޕުން ވަނީ ބުނެފައެވެ.
އަދި ހޮސްޕިޓަލަށް ދާ ކޮންމެ މީހަކަށްވެސް ހޮސްޕިޓަލްގެ ފަރާތުން ސާޖިކަލް މާސްކެއް ފޯރުކޮށްދެމުންދާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އަދި އައުޓް-ޕޭޝަންޓް ކޮންސަލްޓޭޝަންތަކަށް ދާ ބަލިމީހުންގެ ތެރެއިން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހެއްނަމަ ފްލޫ ކްލިނިކަށް ގެންގޮސްދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮންނަ ބަލި މީހުންނަށް ގޮވާލަން ދެވޭ ވަގުތުތައް ވަނީ ލިމިޓްކޮށްފައެވެ. އަދި ސީސީޔޫއާއި އައިސީޔޫ އާއި އެޗްޑީޔޫ އާއި އެންއައިސީޔޫ އާއި ޑޭކެއަރ ޔުނިޓުގައި ތިބޭ ބަލި މީހުންނަށް ގޮވާލަން ދިއުން މަނާކޮށްފައިވާކަމަށް ޓްރީޓޮޕުން ވަނީ ބުނެފައެވެ.