މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެޖުޓަންޓް ޖެނެރަލްގެ މަގާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

މި މަގާމަކީ މިއީ އެމްއެންޑީއެފުން އަލަށް އުފައްދާފައިވާ މަގަމެކެވެ.

މިކަމަކަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަަގާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އަކީ ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި ސިވިލް އަދި ޕަބްލިކް އެވެއަރޒްގެ ޚިދުމަތްތަކާއި، ލީގަލް ސަޕޯޓާއި، އަސްކަރީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމާއި ހިއުމަން ރިސޯސްއާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަރޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ސަޕޯޓް ސަރވިސްއެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސްގެ މަޤާމަށް މިއަދު އައްޔަންކުރެއްވި ކާނަލް މުޙައްމަދު އިބްރާހީމް ކުރިން ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަޤާމުގައެވެ.