މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙްތިފާލުތައް މި އަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވަން ވަނީ ނިންމާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުންނާއި މިކަން ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިގޮތަށް މި ނިންމެވީ، ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެންނާއި، ކޮވިޑް-19 އާ ގުޅިގެން، ޢާއްމު ރައްޔިތުންގެ ސއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި، ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާތީ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރެއްވުން އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިއަހަރު ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމާގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ލަފާ ހޯއްދެވިއެވެ.

ޤައުމީ އިނާމު މިހާރު ދެއްވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޤައުމީ ދުވަސް ކަމަށްވާ 1 ރަބީޢުލްއައްވަލް މި އަހަރު ދިމާވަނީ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހާއެވެ. ޚާއްސަ އިނާމު ދެއްވަމުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައެވެ.

މިއަހަރު ޤައުމީ އިނާމާއި ޚާއްސަ އިނާމު ދެއްވުމާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ޤައުމީ އިނާމަށާއި ޚާއްސަ އިނާމަށް އިޢުލާނު ކުރެއްވުމަށާއި، ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ޙާލަތު ބަދަލުވެއްޖެނަމަ، ޤައުމީ ދުވަހުގެ ޖަލްސާއާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވަވައި އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ. އަދި ޖަލްސާ ބޭއްވޭނެ ގޮތް ނުވެއްޖެނަމަ، އެ ވަގުތުގެ ހާލަތަށް ރިޢާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް މިއަދު ނިންމެވިއެވެ.