ހިޔާ މަޝްރޫޢުގެ ދަށުން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މިހާތަނަށް ނުގުޅޭ ފަރާތްތަކުގެ ނަންތައް ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނުގުޅޭ ފަރާތްތަކުގެ ނަންތައް ގެޒެޓްކޮށްފައިވާކަމަށެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކޮށްފައިވާ މި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، H4 ،H5 ،H6 ، H8 އަދި H10 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ.

މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާކަމަށާއި އެހެންކަމުން އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް ޢާންމުކުރުމަށް ހަމަޖެހިފައިވާކަމަށް މި ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މިއީ ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަ ކުރެއެވެ.

މިއަދު އާންމުކރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެދެއެވެ.

ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް އިއްޔެ ވިދާޅުވީ މިހާތަނަށް ހިޔާ މަޝްރޫއުގެ ފެލްޓުތަކަށް އެދި 25،243 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

މިތަނުން 21،000 އެޕްލިކޭޝަން ފޯމެއް އެސެސްކޮށް ނިމިފައިވާ ކަމަށާއި، ބާކީ ހުރި 3،343 ފޯމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.