ރާއްޖެއަކީ މި ސަރަހައްދަށް ބަލާއިރުވެސް ގިނަ ކަންތައްތަކުގައި ކުރި އަރާފައިވާ އަދި އަރަމުން އަންނަ ގައުމެކެވެ. މިސާލަކަށް ބަލާ ނަމަ އިންޓަނެޓްއެވެ. ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމެވެ. މިއިން ކޮންމެ ކަމަކީވެސް އަތް ނުފޯރާ ފަށުގައި އެ ހިދުމަތްތަކާއި ކަންކަންވާ ''ރީތި'' ނަންތަކެކެވެ.

ވަރުވަރުގެ ވުޒާރާތަކާއި އިދާރާތަކާއި ކޮމެޓީތައްވެސް މި ރާއްޖޭގައި ހުރެއެވެ. ނަމަވެސް އާދައިގެ ރައްޔިތުމީހާއާއި ހަމައަށް ކަމެއް އަތުވެއްޖެނަމަ މިބުނާ ތަންތަނުގެ އަޑެއް ބަޑެއް ނީވެއެވެ.

މިހާރު އެތައް ބަޔަކު ތޮއްޖެހިގެން އުޅެމުންދާ މާލޭގެ ބޯހިޔާވަހިކަމަކީވެސް މިފަދަ ކަމެކެވެ. ގިނަ ބަޔަކު އުޅެނީ ބޮޑު އަގުގައި ކުއްޔަށެވެ. މުޅި އޭޝިޔާ ސަރަހައްދުން ވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑު އަގެއް ދީގެން އުޅެނީ ރާއްޖޭގައި، ހާއްސަކޮށް މި ފުރަމާލޭގައި އުޅޭ މީހުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ކުލި ބޮޑުުވުން

ކުޑަކުޑަ ކޮޓަރިތަކުގައި އެތައް ބަޔަކު ތޮއްޖެހިގެން އުޅެން ޖެހެނީ ކުއްޔަށް ދޭންޖެހޭ އަދަދު ބޮޑުވުމުންނެވެ. ދެކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު އެވްރެޖްކޮށް އުޅެނީ ގާތްގަނޑަކަށް 16000 އާއި 25000 ދެމެދުގައެވެ. މީގެ އިތުރުން 2 ނުނީ 3 މަހުގެ އެޑްވާންސެއް ނަގައެވެ.

މައިންބަފައިންނާއެކު ދިރިއުޅޭއިރު ލިބޭ ދަރިންނަށް 25 އަކަށް އަހަރު ވާއިރު، މާލޭގެ ގާތްގަނޑަކަށް 19 ގެއެއްގައި ދިރިއުޅެން ޖެހިފައި އެބަހުއްޓެވެ.

30 އަހަރު ދުވަހު މާލޭގައި ދިރިއުޅޭ މީހާ އެއްތަނުން އަނެއް ތަނަށް ބަދަލުވަމުން ގޮސް، އެ މުއްދަތުގައި 20 ވަރަކަށް ގެއަށް ބަދަލުވާން ޖެހިފައި އެބަހުއްޓެވެ.

އައިބޭގައި ދެ ކޮޓަރީގެ އެޕާޓްމަންޓްގެ އަގު ހުރި ގޮތް / ފޮޓޯ: އައިބޭ.ކޮމް

މިގޮތަށް އެއްތަނުން އަނެއް ތަނަށް ބަދަލުވާން ޖެހުމުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެ، ދިރިއުޅުމުގެ ހާލަތު ރެފިޔުޖީންގެ ދަރަޖައަށް ވެއްޓިގެންދެއެވެ. އާދައިގެ ވަޒީފާއެއް އަދާކުރާ މީހާއަށް ގެއަށް ގެންދަން އެންމެ ގިނަވެެގެން 7 ވަރަކަށް ހާސް ރުފިޔާ ލިބޭއިރު، ތަނުގެ ކުއްޔަށް އޭގެ ދެގުނަ ނޫނީ ތިންގުނަ ބޮޑު އަދަދެއް ދައްކަންޖެހެއެވެ. ގޭ ކުއްޔާ ނުބައްދަލު އާމްދަނީން މުޅި އާއިލާ ބަލަހައްޓަން ޖެހޭއިރު، ގޭގެ ކުލި ވެގެންދަނީ ގިނަ އާއިލާތަކަށް ތަހައްމަލުކުރަންޖެހިފައިވާ ހިތްދަތި ވޭނަކަށެވެ. އެތައް ދަރަނިތަކެއް ބޮލު އަޅައިގެން އުމުރު ދުވަހު ކުލި ދައްކަމުން ދިޔުމަކީ ދިވެހިންނަށް ލިބެންޖެހޭ ހައްގު މިންވަރެއް ނޫންކަން އާދައިގެ ރައްޔިތުމީހާ ގަބޫލުކުރެއެވެ.

ގާނޫނީ ރައްކާތެރިކަން ނުލިބުން

ދެކޮޓަރީގެ ކުޑަ އެޕާޓްމަންޓެއް ގާތްގަނޑަކަށް 16000 އާއި 25000 ދެމެދުގެ އަދަދަކަށް ހިފާއިރު އެޑްވާންސްއަށް ކަމަށް ބުނެ ނަގާ 2 މަހުގެ ނޫނީ 3 މަހުގެ ކުލި އެއީ "އަމޭ ގެންދާށޭ" ބުނާހެން ދޭން ޖެހޭ އެއްޗެއްކަން އެނގެނީ ކުއްޔަށް ދޭ ތަނުގެ މުއްދަތު ހަމަވެ ނޫނީ އެނޫންވެސް ކަމެއް ދިމާވެގެން ތަނުން ނުކުންނަން ޖެހުނީމަ އެވެ. ގިނަފަހަރަށް އެޑްވާންސް އަތުލިމީހާއަށް ގުޅޭ ގޮތެއް ނުވެއެވެ. ނޫނީ އެއްގޮތަކަށް ވެސް އުޅޭތަނެއްވެސް ނޭނގެނީއެވެ. އެހިސާބުން އަނެއްކާ ވަންނަން ހިފާ ތަނަށް ލޯނުތަކެއް ނަގައިގެން ވަންނަންވީއެވެ. ކެއުމާއި ބުއިން އިހަށް މަޑުޖައްސާލާފައި، އަނބިދަރިންގެ އެހެނިހެން ޒަރޫރީ ބޭނުންތައް ނުފުއްދާ، ވަޒީފާއަދާކުރާ ތަނަކުން ލިބޭ ކުޑަ މުސާރަކޮޅު ލޯނަށް ދައްކާލަ ދައްކާލާ ހުންނަންވީއެވެ.

މާލޭގައި ދިރިއުޅޭ އާއިލާތަކުން ތަންތަން ކުއްޔަށް ހިފާއިރު ހަދާ އެގްރީމެންޓް ގިނަ ފަހަރަށް ވަނީ ބޭކާރު އެއްޗަކަށެވެ.

ލޭންޑްލޯޑުން ބޭނުން އަގެއް ކިޔައިގެން ގެދޮރު ކުއްޔަށް ދެނީއެވެ. އަދި ބޭނުން އިރަކު އަގަށް ބަދަލުތައް ގެންނައިރު ތަނުން ނުކުންނަން އެންގުން އޮންނަނީ އެމީހެއްގެ ''މޫޑާއި'' އެއްގޮތަށެވެ.

އޭގެ ސަބަބުން ދިރިއުޅޭތަން ދޫކޮށް އެހެން ތަންތަން ހޯދަން މަޖުބޫރުވެގެންދެއެވެ. ނިކަމެތިވެގެންދާ މީހާއަށް ގާނޫނީ ގޮތުން އެކަމަށް ރައްކާތެރިކަމެއް ދެވިފައެއް ނުވެއެވެ.

ހުރިހާ މޮޅެއް މުއްސަނދި ފައިސާވެރިންނަށް!

ރާއްޖޭގެ ސިސްޓަމް އޮތީ ހުރިހާ މޮޅު ގޮތްތައް ފައިސާ އޮތް މީހުންނަށް ލިބިދެވޭ ގޮތަށެވެ. ހައުސިންގ ސްކީމްގެ ދަށުން އަޅާ ފުލެޓްތައް ދިނުމުގައި ވެސް ފެންނަމުންދަނީ މިކަމެވެ. ގިނަ ފައިސާ ލިބޭ މީހުންނަށް ގިނަ ފްލެޓް ލިބިދެވޭ ގޮތަށެވެ.

މިފަދަ ހާލެއްގައި މާލޭގައި މީހުން އުޅެމުންދާތާ މިވީ ކިހާ ދުވަހެއްތޯއެވެ. މިކަމުން މިންޖުވެވޭނެ ގޮތެއް އޮތްތޯ އާދޭސް ނުކުރާ ސަރުކާރެއް އެބަ އޮތްތޯއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ލައްކައިން އެޑްވާންސް ނުދީ، ކުޑަ އަގެއްގައި އުޅެލެވޭނެ ބޯހިޔާވަހިކަމެކެވެ.

އެކަަމަކު އެ ފުރުސަތު ދިވެހި ރައްޔިތުންގެ ތެރެއިން މާލޭގައި ބޮޑު އަގުގައި ކުއްޔަށް އުޅޭ މީހުންނަށް ނެތް ފަދައެވެ.

ރައްޔިތުމީހާ ބުނީ ކީކޭ؟

ހުޅުމާލޭގައި އެޅި 7 ހާސް ފުލެޓަކީ އެތައް ޒަމާންތަކެއް ވަންދެން ދިވެހި އާއިލާތައް ތަހައްމަލު ކުރަމުންދިޔަ މައްސަލަތަކަށް ބޭނުންވި އަވަސް ހައްލެކެވެ.

ހިނި ހޮރެއްގައި ތިބެފައި ކަކުނި ހޮރާކަށް ބަދަލުވާން ވެސް ރައްޔިތުން އެދެއެވެ.

އެ ފުލެޓްތަކުގައި ހައްގުވެރިން ދިރިއުޅެން ފަށައިފިނަމަ ގެދޮރުވެރިކަމާ ގުޅިފައި ހުރި ވަރަށް ގިނަ މައްސަލަތަކަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެއެވެ. ހާލުގައި އުޅެމުންދިޔަ އާއިލާތަކަށް އެ ފުލެޓްތައް ވެގެންދާނީ ގަނޑުވަރެއް ނޫނަސް، ހިތްހަމަ ޖެހުމެވެ.