އިތުރު 45 މީހުން ކޮވިޑް-19 ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 45 މީހުން ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެ، މިހާތަނަށް ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 2،158 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވެފައިވަނީ 10 މީހުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި، ބަނގްލަދޭޝްގެ 3 މީހުންނެވެ.

މިއަދަދާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،501 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިކް ކޭސަސްގެގޮތުގައި ތިބީ 326 މީހުން ކަމަށެވެ. މީގެ ތެރެއިން 19 މީހަކަށް ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

މިވަގުތު އައިސޮލޭޝަންގައި 273 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 107 މީހުންނެވެ.

ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ.

އޭގެފަހުން ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 2،501 އަށް އަރާފައިވާއިރު، މީގެތެރެއިން މިހާތަނަށް 12 މީހަކުވަނީ ބަލީގައި ދުނިޔެ ދޫކޮށްފައެވެ.